ސަންޖޭގެ ސީރީސް މޭ މަހު ނެޓްފްލިކްސްއަށް

އުފެއްދުންތެރި ގިނަ ފިލްމުތަކެއް ހިންދީ ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރު/ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީސް "ހީރާމަންޑީ" ޕްރިމިއަކުރާނެ ތާރީޚު އިއުލާނުކޮށްފިއެވެ.

ހިތްގައިމު ލޯބީގެ ވާހަކަތަކެއް ސިނަމާއަށް ގެނެސްދީފައިވާ ސަންޖޭގެ ވެބް ސީރީސް "ހީރާ މަންޑީ:ދަ ޑައިމަންޑް ބާޒާރު" ނެޓްފްލިކްސް މެދުވެރިކޮށް ޕްރިމިއާކުރަން ނިންމާފައިވަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

ސަންޖޭ ލީލާ ބަންސާލީގެ ކޮންމެ އުފެއްދުމަކީ ވެސް ބެލުންތެރިން ދިގު އިންތިޒާރެއް ކުރާ އުފެއްދުމަކަށްވާއިރު ވެބް ސީރީސް "ހީރާ މަންޑީ" އިއުލާނު ކުރީއްސުރެ މިއީ ރިލީޒްކުރާނެ ތާރީޚަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް އުފެއްދުމެވެ. މި ވެބް ސީރީސް އިއުލާނުކޮށްފައިވަނީ އިންޑިއާގެ މުމްބާއީގައި އެކަމަށް ބޭއްވި އަލިގަދަ ޑްރޯން ޝޯއަކާ އެކުއެވެ. މުމްބާއީގެ މަހާލަކްޝްމީ ރޭސް ކޯސްގައި ބޭއްވި ކުލަގަދަ ހަފުލާގައި ވެބް ސީރީސްގެ މުހިއްމު ރޯލް ކުޅެފައިވާ ތަރިންތައް ވަނީ ބައިވެރިވެފައެވެ.

"ހީރާމަންޑީ" ޕްރިމިއާ ކުރާ ދުވަސް އިއުލާނުކުރުމަށް ބޭއްވި ހަފްލާގައި އެ ސީރީސްގެ ބަތަލާއިން ބައިވެރިވަނީ-- ފޮޓޯ/ޕިންކްވިލާ
މި ހަފްލާގައި ވާހަކަދައްކަމުން ނެޓްފްލިކްސްގެ ވައިސް ޕްރެޒިޑެންޓް-ކޮންޓެންޓް މޮނިކާ ބުނެފައިވަނީ، ސަންޖޭގެ މި ވެބް ސީރީސްއަކީ، ޝައްކެއް ވެސް ނެތް ގޮތުގައި އިންޑިއާގެ އެންމެ ބޮޑު ސިނަމެޓިކް ސީރީސް ކަމަށެވެ. ސަންޖޭ އަކީ އަބަދު ވެސް އޭނާގެ އުފެއްދުންތަކުގައި އިންޑިއާގެ ސަގާފަތް ބަދަލެއް ނެތި ދައްކުވައިދޭ ޑައިރެކްޓަރެއް ކަމަށާއި "ހީރާމަންޑީ"އަކީ ވެސް އޭގެ މިސާލެއް ކަމަށް މޮނިކާ ވަނީ ބުނެފައެވެ.

މި ވެބް ސީރީސް އަކީ، އިންޑިއާއަށް މިނިވަންކަންލިބުމުގެ ކުރިން އެ ޤައުމުގެ ލާހޯރުގެ ރެޑްލައިޓް ސަރަހައްދުގައި ދިރިއުޅުނު ޝާހީ ޖާރިއާއިންގެ ވާހަކަ ކިޔައިދޭ ހަތް އެޕިސޯޑުގެ ސިލްސިލާއެކެވެ. މި ވެބް ސީރީސްގެ މުހިއްމު ބަތަލާއިންގެ ތެރޭ، މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް އަދި އަދިތީ ރާއޯ ހިމެނެއެވެ،

މީގެ އިތުރުން، ޝެކަރު ސުމަންއާއި އޭނާގެ ދަރިފުޅު އަދި އަދިޔަޔަން ސުމަންއާއި ކުރީގެ އެކްޓަރު ފަރުދީން ޚާން މި ވެބް ސީރީސްއިން އެކްޓަރުންގެ ގޮތުގައި ފެންނާނެއެވެ.

comment ކޮމެންޓް