ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ސޮއިކޮށްފި

އިސްރަށްވެހިންގެ ނާދީ ހުޅުމާލޭގައި ތަރައްގީކުރަން ސޮއިކުރުން -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި، "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.

އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި މިއަދު ސޮއިކުރި އިރު، އެ ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށާފައެވެ. އަދި އެތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ މި ކޯޕަރޭޝަންގެ ސީއެސްއާރުން ތަރައްގީކުރާ ޕްރޮޖެކްޓެކެވެ.

ހިޔާ ޓަވަރު އަަށެއްގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައި ވެއެވެ.

އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިންނެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް