ސިފައިންގެ އަސާސަކަށް ވާންވީ ފަޚުރުވެރިކަމާއެކު ދީން ދިފާއުކުރުން: ރައީސް

ރައީސް ސިފައިންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ މައިގަނޑު އަސާސަކަށް ވާންވީ ފަޚުރުވެރިކަމާއެކު ދީން ދަމަހައްޓަން މަސައްކަތް ކުރުން ކަމަށް ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރޭ ކަޅުތުއްކަލާ ކޮށީގައި ސިފައިންނާ ބައްދަލު ކުރައްވަން ރައީސް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކުރާ ކޮންމެ ކަމެއްގައި ވެސް މައިގަނޑު އަސާސަކަށް ވާންވިީ، އިސްލާމް ދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބެލެހެއްޓުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ކާމިޔާބީގެ އަސްލަކަށް ވާންވީ ވެސް އަދި ވާނީ ވެސް ދީނަށް ނަސްރު ދިނުން ކަމަށް ވިދާޅުވެފައެވެ.

އަދި ވޭތުވެދިޔަތާ ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް ޤައުމު ސަލާމަތްކުރި އަބްތާލުން ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސަކަށް ހައްދަވައިފައިވަނީ، ދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުންކަން ރައީސް ވަނީ ހަނދާން ކޮށްދެއްވައިފައެވެ.

އަދި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ސިފައިންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އެމްއެންޑީއެފް

މީގެ އިތުރަށް ރައީސް ވަނީ ދިވެހި އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެ މަނިކުފާނު އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ޚާއްސަ ކުރެވިގެން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސްގެ އިތުރުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އޭނާ ވަނީ ސިފައިންނަށް ގައުމީ ޚިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ގައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް ސިފައިންނަށް ނަޞޭހަތްތެރިވެލައްވައިފައެވެ.

comment ކޮމެންޓް