އިސްރާއީލުން މަރާލި ދަރިވަރުންގެ އަދަދު 6،000 އަށް

އިސްރާއީލުން ވަނީ ޣައްޒާގެ 6،000 ދަރިވަރުން މަރައިލައިފައި -- ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ގާތްގަޑަކަށް 6000 ކިޔަވާ ކުދިން މަރާލައިފައިވާ ކަމަށް ފަލަސްތީނުގެ ތައުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ހަމަލާތަކުގައި 10،000 ކުދިން ވަނީ ޒަޚަމުވެސް ކޮށްލައިފައެވެ. އޭގެ އިތުރުން، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި 55 ކިޔަވާ ކުދިން މަރާލައި، 103 ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

ތައުލީމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ގާތްގަޑަކަށް 264 ޓީޗަރުންނާއި ސްކޫލް އެޑްމިނިސްޓްރޭޓަރުން މަރާލައިފައިވާއިރު، 960 މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި 73 ޓީޗަރުން ހައްޔަރުކޮށްފައިވާއިރު، ހަ ޓީޗަރުން ވަނީ ޒަޚަމުކޮށްލައިފައެވެ.

އޭގެ އިތުރުން، ޣައްޒާގެ ސަރަހައްދުގައި ހުރި ސަރުކާރުގެ 286 ސްކޫލަކާއި އދ ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (ޔޫއެންއާރުޑަބްލިއުއޭ)ގެ 65 ސްކޫލަކަށް ބޮން ގޮއްވާލައި ސުންނާފަތިކޮށްލާފައިވާކަން ވެސް ތައުލީމާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އޭގެ ތެރެއިން 111 ސްކޫލަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، 40 ސްކޫލެއް ވަނީ ބިމާ ހަމަވެފައެވެ.

ހުޅަނގު އައްސޭރީގެ 57 ސްކޫލަކަށް އިސްރާއީލު ސިފައިން ވަދެފައިވާއިރު، އެ ހުރިހާ ތަނެއް ވެސް ވަނީ ސުންނާފަތިކޮށްލައިފައެވެ. ޣައްޒާގައި ސަރުކާރުގެ 133 ސްކޫލެއް އަންނަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަމުގެ ގޮތުގައި ވެސް ބޭނުންކުރަމުންނެވެ.

ޣައްޒާގެ 62،000 ކުދިން ތައުލީމު ލިބުމުން މަހުރޫމުވެފައިވާ ކަމަށް ވެސް ތައުލީމާބެހޭ ވުޒާރާއިން ބުނެއެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް