ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރަން 'ހިޔާވަހި ފައިނޭންސް ސްކީމް'ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ސްކީމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޚާއްސަކޮށް، އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުން މަތިން ކުރިއަށް ގެންދާނެ ސްކީމެއް ކަމަށެވެ.
މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒީނާދެވެ.
އެގޮތުން މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމެއް ގާއިމުކުރުމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އިންސައްތައިގެ އިންޓްރެސްޓު ރޭޓުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
'ހިޔާވަހި ފައިނޭންއިންސް ސްކީމް'ގެ ދަށުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ ދެ ބާވަތެއްގެ ލޯނުގެ މައްޗަށް ބަހައިގެން ކަމަށް އެ ބަޔާނުގައިވެއެވެ.
އެއީ:
- އަތޮޅުތެރޭ ރަށްތަކަށް ޚާއްސަ ލުއި ލޯނު ސްކީމު: މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރާނީ އެއް މިލިއަން ރުފިޔާ
- މާލެ ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ޚާއްސަ ލުއި ލޯނު: މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރާނީ ތިން މިލިއަން ރުފިޔާ
މީގެއިތުރުން، މިނިސްޓްރީން ބުނީ މި ކަމާ ގުޅުން ހުރި އިތުރު ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށެވެ.
މީގެ ކުރިން އޮތް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ގޯތި ގެދޮރު އެޅުމަށާއި ފަށައިފައި ހުރި މަސައްކަތްތައް ނިންމަން ދޫކުރާ ޚާއްސަ ލުއި ލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި ލޯނު ސްކީމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތަށް މިދިޔަ 100 ދުވަސްތެރޭގައި ކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް ނިސްބަތުން އެންމެ ގިނަ ރައްޔިތުން އުޅެނީ މާލެ ސިޓީގައި ކަމަށްވެފައި އެންމެ މި މި ހާލަތު ބޮޑީ މާލޭގައި ކަމަށްވާތީ މި ސްކީމުން އެންމެ ގިނަ ފުރުސަތު ލިބޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފަސް ޕަސެންޓަށްވުރެ ކުޑަ ނުވާނެހެން މި ފަދަ ލޯން ސްކީމުތައް ތައާރަފްކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.