ގޯތި ގެދޮރު އެޅުމަށާއި ފަށައިފައި ހުރި މަސައްކަތްތައް ނިންމަން ދޫކުރާ ޚާއްސަ ލުއި ލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުޢިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.
މިރޭ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެނޑިޑޭޓު އަހްމަދު ޒަމީރުގެ ކެމްޕެއިނު ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައިސް ވިދާޅުވީ، އަލަށް ފުރަތަމަ ގެ އަޅާ މީހުންނަށް ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓު މަތި ނުވާނެހެން ލޯން ސްކީމެއް ތައާރަފްކޮށް އެކަމަށް އެދެން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
މިއީ މާލެ ސިޓީގައާއި, ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އަމިއްލަ ގޯތި ހުރެ އެ ގޯތީގައި ގެޔެއް އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް، އަދި އާންމުކޮށް ހުންނަ ކޮމާޝަލް ރޭޓުތަކުގައި ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޮރާ ފަށުގައި ލުއި ލޯނުތަކެއް ދިނުމަށް ޓަކައި އަމިއްލަ ގެ ހެދުމަށް ދޭ ލޯނު ސްކީމުތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި ލޯނު ސްކީމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތަށް މިދިޔަ 100 ދުވަސްތެރޭގައި ކުރެވިފައިވާ ކަމަށެވެ.
"މިހާރު ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ ފަންނީ، ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ނިމުމަކާ ހަމަ އަށް ގޮސްފައި އެވަނީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމަ ވަރަށް އަވަހަށް ދެން ބާކީ ހުރި ހުރިހާ ކަންކަން ނިންމައިލައިގެން، އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަމާބެހޭ މިނިސްޓްރީން ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސިލަކާ އެކީގައި ދާދި އަވަހަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ލޯން ސްކީމު ހުޅުވައިލާނެ ކަމަށެވެ.
މީގެ އިތުރަށް ރައީސް ވިދާޅުވީ މި ލޯން ސްކިމުތަކުގެ ތެރޭގައި ކޮންވެންޝަނަލް ލޯން އަދި އިސްލާމިކް ފައިނޭންސް ލޯނާއި ދެ ވައްތަރުގެ ލޯނު ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ހަދަން ފަށައި ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތަކަށާއި، ގިނަ ދުވަސް ވެގެން މަރާމާތުކުރަން ޖެހިފައި ހުރި ގެތަކަށް ވެސް ލޯނު ސްކީމެއް ތައާރަފް ކުރައްވާނެކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ މި ލޯނުތައް ލަސްވި ނަމަވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމަށެވެ.
"މި ދެންނެވި ދެ ވައްތަރުގެ ލޯން ސްކީމު ތައާރަފު ކުރުމަށް ޓަކައި ވެސް މަސައްކަތްތަށް ފެށިފަ ވަނީ. އެންމެ ފުރަތަމަ އަޅުގަނޑުމެން ދޫކުރަން ފަށާނީ އަލަށް ގޯތީގައި ގެދޮރު އެޅުމަށް ޓަކައި ދޫކުރާ ލޯނުތައް. ދެން އަޅުގަނޑު ދެންމެ މި ދެންނެވި އަނެއް ދެ ލޯނު ސްކީމު ވެސް ތަންކޮޅެއް ލަސްވި ނަމަވެސް މި އަހަރު ތެރޭގައި އިރާދަ ކުރެއްވިއްޔާ ހަމަ ދޫކުރަން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް ނިސްބަތުން އެންމެ ގިނަ ރައްޔިތުން އުޅެނީ މާލެ ސިޓީގައި ކަމަށްވެފައި އެންމެ މި މި ހާލަތު ބޮޑީ މާލޭގައި ކަމަށްވާތީ މި ސްކީމުން އެންމެ ގިނަ ފުރުސަތު ލިބޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފަސް ޕަސެންޓަށްވުރެ ކުޑަ ނުވާނެހެން މި ފަދަ ލޯން ސްކީމުތައް ތައާރަފްކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.