ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މާދަމާ މެންދުރުފަހު 1:00 އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހަނދާންކޮށްދީފިއެވެ.

މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެނެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ 35 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމުގެ އިތުރުން އެ މުއައްސަސާއެއް ކުރިއެރުވުމަށް އިޚުލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށް ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމުހުރިއްޔާ ދެއްވައި ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވާނީ ސަރުކާރުގެ ކުންފުންޏަކުން ނުވަަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން މީހަކު ނުވަތަ އެ މީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އިނާމަށް ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ހުށަހަޅާއިރު އެ މީހަކީ އެ މުއައްސަސާގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މީޙަކަށް ވާންޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފުވެރި އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުވެރި ބެޖެއްގެ އިތުރުން ހަދާނީ ލިޔުމެކެވެ.

އިނާމަށް ހުށަހަޅުއްވާއިރު، ފޯމުގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވައި، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު އިނާމަށްއެދޭ ފޯމު ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މި އަހަރު ހުށަހެޅޭނީ ހަމައެކަނި "ރައީސް އޮފީހުގެ" މި ޕޯޓަލް މެދުވެރިކޮށެވެ.

comment ކޮމެންޓް