މި އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މީގެ ކުރިން ރެހެންދި އެވޯޑު ދިން ޖަލްސާއެއްގެ ތެރެއިން: މިއަހަރުގެ ރެހެންދި އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި އެވޯޑަށް ޝަރުތުހަމަވާ މީހުންގެ ނަން ހުށަހަޅަން ހުޅުވާލައިފައެވެ.

މި އެވޯޑަކީ، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ވެސް ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމަށް ދޭ އިނާމެކެވެ.

އަދި، އިޖުތިމާއީ ކަންކަމާ ބެހޭ ވުޒާރާއިން ބުނީ މިއީ އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އެ ވުޒާރާއިން ދޭ ޚާއްޞަ އެވޯޑެއް ކަމަށެވެ. އެ ވުޒާރާއިން ބުނީ މި އެވޯޑު ލިބޭ އަންހެނުން ކަނޑައަޅާނީ، އެ ވުޒާރާއިން އެ ކަމަށް އެކުލަވައިލާފައިވާ "ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ"އިން ކަމަށެވެ.

މީގެ އިތުރަށް ވުޒާރާއިން ބުނީ ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޝީލްޑަކާއި، ޤައުމީ އެކިއެކި މުނާސަބަތުގައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހެދުމުގައިޖަހާ ރަމްޒީ "ބުރޫޗް"އެއް ކަމަށެވެ.

މި ވޯޑުގެ މަގުސަދަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމެވެ.

އަދި، އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކޮށް އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރުފުވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުން ވެސް މި އެވޯޑު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެވޯޑު ލިބޭނީ، މި އެވޯޑަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ދާއިރާއަކާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާ މީހުންގެ ތެރެއިން މި އެވޯޑަށް ޝަރުތުހަމަވާ މީހުންނަށެވެ.

މި އެވޯޑަށް ހުށަހެޅޭ މައިގަނޑު ދެ ކެޓަގަރީއެއް ހިމެނެއެވެ. އެއީ:

  • ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީ
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީ

ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި ހަތަރު ދާއިރާއެއްގެ ދަށުން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލައިފައެވެ. އެއީ:

  • ލީޑާޝިޕް އަދި ގަވާނަންސް
  • އިޤުތިޞާދީގޮތުން ބާރުވެރިކުރުވުން
  • އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން
  • އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް"ގެ ދާއިރާ

އެ ވުޒާރާއިން ބުނީ ފޯމު ފުރިހަމަކުރުމަށް ފަހު، އެޕްލިކޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާ އެކު ހުށަހަޅާނީ، އީމެއިލް މެދުވެރިކޮށް، [email protected] އަށް ކަމަށެވެ. އަދި، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 2:00 ޖަހަންދެން އުމަރު ޒާހިރު އޮފީސް އިމާރާތުގެ ކައުންޓަރުން ވެސް ފޯމު ބަލައިގަންނާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި އެވޯޑަށް އެދި ހުށަހަޅާ ކޮންމެ ލިޔުމަކީ އެވޯޑަށް އެދި ހުށަހަޅާ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ނަތީޖާތައް ދައްކުވައިދޭ ލިޔުންތަކެއްކަން ޔަގީންކުރަން ވުޒާރާއިން ވަނީ އެދިފައެވެ

މި އެވޯޑަށް ނަން ހުށަހެޅޭނީ، އަންނަ މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށެވެ. މި އަހަރުގެ ރެހެންދި އެވޯޑުގެ އުސޫލާއި ފޯމު ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

comment ކޮމެންޓް