ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރަން ޚާއްސަ ކޯލް ސެންޓަރެއް، ހޮޓްލައިނަކީ 125

500 ރުފިޔާގެ ނޫޓެއް: ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ވަނީ ގާއިމުކޮށްފައި --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި, ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ފުލުހުން ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފިއެވެ.

ފުލުހުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ދެން ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުން ކަމަށެވެ.

އެ އައު ނިޒާމުގެ ދަށުން ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކޯލް ސެންޓަރަށް މައްސަލަ ރިޕޯޓުކުރާ ހިނދުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު އެންޓި ސްކޭމް ސެންޓަރުން ވަގުތުން ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރެކޭވެސް އެއްފަދައިން މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް ވެސް އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކޮށް ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކޮށް ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ޝަހުސު އޮޅުވާލައިގެންނާއި އެކި ވިޔަފާރީގެ ނަންނަމުގައިއާއި ފޯނު ހެކްކޮށްގެން ވެސް މީހުން ސްކޭމްކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް