ހީނާގެ ރައްދު ޝާހިދަށް: އިންތިޚާބާ ދިމާކޮށް ޑްރާމާކުޅުމުން ވެއްޓިފައިވާ ދަރަޖަ ސާފުވެއްޖެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވަލީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިތުގެ ބަލީގެ ކުއްޖެއްގެ ބޭހަށް ސަރުކާރުން އަގު ނުދޭކަމަށް ބުނުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ފާޅުކުރެއްވި ކަންބޮޑުވުމަށް އެންސްޕާގެ މެނޭޖިން ޑިރެކްޓަރު ހީނާ ވަލީދު ރައްދު ދެއްވައިފިއެވެ.

ޝާހިދު މިއަދު ވަނީ ދ. ކުޑަހުވަދޫ ދެމަފިރިންނާއެކު ވީޑިއޯއެއް ހިއްސާކުރައްވައި އެ ދެމަފިރިންގެ ދަރިފުޅަކީ ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ ކުއްޖެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރުން އާސަންދަ މެދުވެރިކޮށް އެ ދަމަފިރިންގެ ދަރިފުޅަށް ބޭނުންވާ ބޭސް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ކުއްޖާއަށް ބޭނުންވާ ބޭސް ހޯދައިދިނުމުގައި ލަސްތަކެއްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިލްތައް ރިފަންޑު ކުރަނީ އާސަންދައިން ނޫން ކަމަށެވެ.

އަދި ވީޑިއޯއިން ފެންނަ ދ. ކުޑަހުވަދޫ އަބްދުލް ޢަބްދުލްޙަކީމްގެ ދަރިފުޅަށް ބޭސް ގަތުމަށްފަހު ހުށަހަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައިވަނީ މިސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭނެ. އަދި އެއީ ވަކި ސަރުކާރެއް އޮވެގެން ނުވަތަ ނެތިގެން ވާކަމެއްނޫން،" ހީނާގެ އެ ޕޯސްޓުގައި ވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް ހިތުގެ ބައްޔަށް ބޭސް ގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެކަމަށާއި މިސަރުކާރުން މިހާތަނަށްވެސް އެތައް ފަރާތަކަށް މިގޮތަށް ރިފަންޑްކޮށްދީފައިވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޝާހިދަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވީ، "ދުނިޔޭގެ ރައީސް"ކަން ކުރައްވާފައިވާ ބޭފުޅަކު ރައްޔިތުން ގާތަށް ގޮސް އެބޭފުޅުންގެ އިހުސާސްތަކާކުޅެ، މަޖިލިސް އިންތިޚާބާ ދިމާކޮށް ޑްރާމާކުޅޭ މަންޒަރު ފެންނަ ކަމަށެވެ. އަދި އެކަމުން ސާފުވަނީ ޝާހިދު ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާ ދިމާކޮށް، އާސަންދަ އާއި އެންސްޕާއިން އުސޫލާ ޚިލާފަށް ކަންކަންކޮށްދިން ކަމަށް ވެސް ހީނާ ތުހުމަތު ކުރެއްވިއެވެ.

"ތިބޭފުޅުންގެ މިސްރާބު ހުރީ ހަމަ މަގަކަށްނޫން. އަނދަވަޅަކަށް،" އެމްޑީޕީގެ ކެމްޕެއިން ޝިއާރާ ގުޅުވައި އޭނާ ވިދާޅުވިއެވެ.

އޭޕްރިލް 21ގައި އޮންނަ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީން ވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލެ ސަރަހައްދުގައި ކެމްޕެއިން ކުރައްވަމުންގެންދަވާއިރު އެމްޑީޕީގެ އިސް ބޭފުޅުން އަންނަނީ އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

comment ކޮމެންޓް