ގެވެށި އަނިޔާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

ގެވެށި އަނިޔާގެ މަންޒަރުތަކުގެ، ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު އެކްސްގައި އާންމު ކުރި ވީޑިއޯއެއްގައި ބުނީ ކޮންމެ މީހަކީ ވެސް މިހާރު ސްމާޓް ފޯނެއް ގެންގުޅޭ މީހަކަށް ވުމުން ގެވެށި އަނިޔާގެ އަމަލު ހިނގާ ވަގުތު ވީޑިއޯ އާއި ފޮޓޯ ނެގުންފަދަ ކަންކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އާންމުކުރާކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިއީ އަނިޔާ ލިބޭ ފަރާތަށް ދެވޭ އިތުރު އަނިޔާއެއްގެ ގޮތުގައި ފުލުހުން ވަނީ އެ ކަން ސިފަކޮށްފައެވެ.

އެއާއެކު ފުލުހުން ވަނީ ސޯޝަލް މިޑިއާއަށް ފޮޓޯ އަދި ވީޑިއޯ ލުމުގެ ބަދަލުގައި ކަމާ ބެހޭ މުއައްސަސާތަކަށް އެފަދަ ވީޑިއޯ އާއި ފޮޓޯ ހިއްސާކުރަން އެދިފައެވެ. އަދި އެއީ އަނިޔާ ލިބޭ ފަރާތަށް ދެވޭ އެހީއެއް ކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހު ވެސް ކުޑަކުދިންނަށް ކުރި އަނިޔާގެ 131 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. ހަމައެއާއެކު އަންހެނުންނާ މެދު ހިންގާ ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް