ގޯތިތަކުގެ ތެރެއިން ގޮސްފައިހުރި ނެޓްވޯކުތައް ނަގަން ފަށައިފި

ބިންތަކުގެ އަޑީގައި ހުރި ނެޓްވޯކުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފެށުން -- ފޮޮޓޯ: އެޗްޑީސީ

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން، ފެނާއި ނަރުދަމާ ނެޓްވޯކުގެ މަތިން ދީފައި ހުރި ގޯތިތަކުގެ މައްސަލަ ހައްލުކުރުމަށް ޓަކައި އެ ބިންތަކުގެ އަޑީގައި ހުރި ނެޓްވޯކުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ މި މަސައްކަތް ފެށީ އެ ސަރަހައްދުން ދީފައިހުރި ބިންތައް ރައްޔިތުންނަށް ދޫކުރުން އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އެ ފަދަ ވިއުގަތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރާނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި މަސައްކަތް މިއަދު އަމަލީ ގޮތުން ފެށުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވެސް ބައިވެރިވެލެއްވިއެވެ.

މީގެ ކުރިން ފަޒުލް ވިދާޅުވީ، ފެނާއި ނަރުދަމާ ވިއުގައިގެ މަތިން ދީފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރުމަށް 200 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ބިންތަކުގެ އަޑީގައި ހުރި ނެޓްވޯކުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފެށުން -- ފޮޮޓޯ: އެޗްޑީސީ

ގޯތިތަކުގެ އިން ފާރުގައި ގާ އެތުރުމަށް އެޗްޑީސީން ބޭއްވި ހަރަކާތުގައި ފަޒުލް ވިދާޅުވީ އެ މައްސަލަ އެޗްޑީސީން ހައްލު ކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީއިން ޑިޒައިނިންގެ މަސައްކަތްތަށް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރިއިރު ބޭނުންކުރާ ބިންތަކުން ވެސް ގޯތި ދީފައި ހުރި ކަމަށެވެ.

އެގޮތުން ބައެއް ތަންތަން ޓެމްޕޮރަރީ ސައިޓުގެ ގޮތުގައި ވެސް ކުރީ ސަރުކާރުން ދީފައި ހުރި ކަމަށާއި މިހާރު އެޗްޑީސީގެ ފަރާތުން އެތަންތަން ނަަގައިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް