ޖޫރިމަނާ މާފުވަނީ ފެނާއި ކަރަންޓު ބޭނުން ކުރި މިންވަރަށް އަގު ދެއްކީމަ

ޔުޓިލިޓީ ކުންފުނި ތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޖޫރިމަނާ މާފުކުރާނީ މިދިޔަ އަހަރުގެ ނިޔަލަށް ނުދެއްކި ހުރި ބިލުތަކުން ކަމަށާއި، ނަމަވެސް ޖޫރިމަނާ މާފުވާނީ ބޭނުންކޮށްފައި ހުރި ފެނާއި ކަރަންޓަށް އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން މިއަދު ހާމަކޮށްފިއެވެ.

ޔުޓިލިޓީ ކުންފުނިތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ކަރަންޓު އަދި ފެނަށް ވެސް އަރައިފައިވާ ޖޫރިމަނާ މާފުވާނީ އެ ބޭނުންކޮށްގެން އަރައިފައިވާ އަގު ދެއްކުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މި އަގުގެ ބިލު އެއްފަހަރާ ވެސް ނުވަތަ ބައިބަޔަށް ބަހައިލައިގެން ވެސް ދެއްކޭނެ ކަމަށެވެ. އެގޮތަށް އަގު ދައްކާ ނިމުމާއެކު ޖޫރިމަނާ މާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތަށް ބިލު ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މި ލުއި ފަސޭހަކަން، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އެ ގޮތަށް އަމަލު ކުރަން ފަށާނަން އެމްޑަބްލިއުއެސްސީގެ ފަރާތުން އެކެއް އޭޕްރިލުން ފަށައިގެން މި އަހަރުގެ ނިޔަލަށް،" މަތީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީގެ 60،000 ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ބިލުތައް ނުދެއްކި ހުރީ ގާތްގަނޑަކަށް 3،000 ކަސްޓަމަރުންގެ ކަމަށެވެ.

"އަޅުގަނޑު ހަމަ ފާހަގަ ކުރަން އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ ގަވާއިދުން ބިލު ދެއްކުމުގައި ވަރަށް ފަރުވާތެރި ބައެެއްކަން. އެކަމަށް ޓަކައި ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު ވެސް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ފާހަގަކުރެފައި އޮތީ 17 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އޮތްކަމަށް ކަމަށެވެ. އަދި ފެނަށް ދައްކަންޖެހޭ އަގުގެ ގޮތުގައި 45 މިލިއަން ރުފިޔާ ނުލިބިވާއިރު، ޖޫރިމަނާ މާފު ކޮށްދިނުމުން ވެސް ކުންފުނީގެ އާމްދަނީއަށް އެ 45 މިލިއަން ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރައީސްގެ މި ނިންމެވުމުގެ ސަބަބުން ނުލިބި ހުރި ބައިތައް ކުންފުނިން ކްލިއާކޮށް އެކައުންޓުތައް ރަނގަޅުކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވެސް މިކަމުގެ ސަބަބުން ލުއިއެއް ލިބިގެން ދާނެކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަކު ވެސް ކަރަންޓުގެ އިތުރުން ފެން ބިލް ބޮޑުވުމަކީ އާންމު މައްސަލައެކެވެ. ނަމަވެސް މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި މަހުގެ ހަތަރެއްގައި ރައީސް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް ކޮށްފައިވާ ކަމަށާއި އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށެވެ.

comment ކޮމެންޓް