އެމްޑަބްލިއުއެސްސީގެ ނަރުދަމާ ނިޒާމުގެ ޕަންޕު ސްޓޭޝަންތަކުން ވަސް ދުވުން ހުއްޓުވުމަށް ޓަކައި، އެ ސަރަހައްދުތަކުގައި ޒަމާނީ ވަސީލަތްތައް ގާއިމުކޮށް، ބޭނުން ކުރަން ފަށައިފިއެވެ.
އެގޮތުން، ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހަައްޓާފައި ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ ނަންބަރު ހަތަރެއް ޕަންޕް ސްޓޭޝަނުގައާއި މާލޭ ޕަންޕް ސްޓޭޝަން ދެއެއްގައެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއެސްސީން ބުނީ، އެ ސްޓޭޝަންތަކަށް ގެނެވުނު ބަދަލުގެ ތެރެއިން، ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަންތަކުގައި މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އައު ނިޒާމެއް ހަރުކޮށްފައިވާ ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172128244735YI3B.jpeg)
އެމްޑަބްލިއުއެސްސީގެ ޕަންޕު ސްޓޭޝަނެއް: އެތަނުގައި ވަނީ ނުބައި ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފަ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އަލަށް ހަރުކުރެވުނު ވައި ސާފުކުރާ ނިޒާމުން ޕަންޕު ސްޓޭޝަނުން ޖައްވަށް ދާ ވަހުގައި ހުންނަ ނުބައި ވަހުގެ މިންވަރު 99 އިންސައްތައަށް ދަށްކޮށްލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މީގެއިތުރުން، މާލޭގައި ގާއިމުކުރެވިފައިވާ ޕަންޕު ސްޓޭޝަން ނުވައެއްގައި މި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް އެއް އަހަރަށް ބަހާލައިގެން ކުރިއަށްދާނެ ކަމަށް ބުންޏެވެ.
އަދި، ޖާގަ ލިބޭ ތަންތަނުގައި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފައްދަން ސޯލާ ޕެނަލް ހަރުކުރާނެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172128249917g582.jpeg)
ޕަންޕު ސްޓޭޝަން ހަތަރެއްގައި އެކުންފުނީގެ ބައެއް ބޭފުޅުން: އެމްޑަބްލިއުއެސްސީގެ ޕަންޕު ސްޓޭޝަނުން ނުބައި ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފަ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން ވިދާޅުވީ، އަލަށް ހަރުކުރެވުނު ނިޒާމަކީ ޕަންޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުން ދުވާ ނުބައި ވަހަށް ހައްލެއް ހޯދުމަށް އެ ކުންފުނިން އެކި ކަހަލަ ދިރާސާތަކެއް ކުރުމަށް ފަހު ބެހެއްޓި ނިޒާމެއް ކަމަށެވެ.
މިއީ ކުންފުނި ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް
އޭގެއިތުރުން، އެ ކުންފުނިން ބުނީ، މި މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން، އެމްޑަބްލިއުއެސްސީން އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.