މާލެއާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އަނެއްކާވެސް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.
ފެނުގެ ނިޒާމުން ގުޅާލުމަށް މާލޭގައި ގާއިމްކުރާ ޕަންޕް ސްޓޭޝަންތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއަޔާތުގައި މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ 2016ގައި ފެށި މި މަސައްކަތް 2018 އިން ފެށިގެން ހުއްޓިފައި އޮތް ކަމަށެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމް ކުރުމަށްޓަކައި ސިނަމާލެ ބްރިޖް ހެދިއިރު ޕައިޕްލައިން ގާއިމް ކޮށްފައި ވާކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެ ހޮޅި އޮތީ ނުގުޅުވާކަން އެމްޑީ ވަނީ ފާހަގަކުރަށްވާފައެވެ.

ފެނުގެ ނިޒާމުން ގުޅާލުމަށް މާލޭގައި ގާއިމްކުރާ ޕަންޕް ސްޓޭޝަންތަކުގެ އަމަލީ މަސައްކަތުގެ ތެރެއިން--- ސަން ފޮޓޯ/ މޫސާ ނަދީމް
އެމްޑީ ވިދާޅުވީ މިއީ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މާލެއާ ހުޅުމާލެއާ ދެމެދު ގަޑިއަކު 800 ޓަނުގެ ފެން ފޯރުކޮށްދެވޭނެ ކަމުގައެވެ.
އަދި މާލެއާ ހުޅުމާލޭގެ ފެނުގެ ނިޒާމްގެ ރައްކާތެރިކަން މި ޓްރާންފާ ސްޓޭޝަންތަކުން ކަށަވަރު ވާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
އަދި މިއަހަރު ނިމޭއިރު މި ޓްރާންސްފާ ސްޓޭޝަންތަކުގެ މަސައްކަތް ނިންމާ ޚިދުމަތަށް ގެނެވޭނެ ކަމަށްވެސް އެމްޑީ މަތީން ވަނީ ވިދާޅުވެފައެވެ.