ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ މެދުގައި މިހާރު އެއްވެސް މިސްއަންޑަސްޓޭންޑިންއެއް ނެތް ކަމަށާއި ދެ ފަރާތުގެ މެދުގައި އެރި އޮޅުންތައް ސާފުކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގައި، ބީއެމްއެލްއިން އެއްބާރުލުން ނުލިބޭ ކަމަށް ޕީސީބީން ބުނެފައިވާތީ މިއަދުގެ ބައްދަލުވުމަށް ވަނީ ބޭންކާއި ޕީސީބީގެ އިސްވެރީން ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ޕީސީބީގެ ރައީސް ހަމްދީ އަގީލު ވިދާޅުވީ ބީއެމްއެލްއިން އެއްބާރުލުން ނުދޭ ކަމަށް މީގެ ކުރިން ބުނީ އެގޮތަށް އެކަން ހިނގާފައި އޮތުމުން ކަމަށާއި އެހެން ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ހިއްސާކުރުމުގެ ބާރުލިބިފައިވާ ކޮންމެ މައުލޫމާތެއް ވެސް ޕީސީބީއާއި އަދި އެ ނޫން ވެސް ރެގިއުލޭޓަރީ އިދާރާތަކާ ހިއްސާކުރާނެ ކަމަށެވެ. އެހެން ނަމަވެސް ބީއެމްއެލްއަކީ ގިނަ އިދާރާތަކަކުން ރެގިއުލޭޓްކުރާ ތަނަކަށްވާއިރު، ބީއެމްއެލްއިން ހިއްސާ ކުރާ މައުލޫމާތެއް ނަމަ، ހުރިހާ ރެގިއުލޭޓަރީ އިދާރާތަކަކާ އެއްހަމައެއްގައި ހިއްސާކުރަންޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެެވެ.
ސްޓުމްކަ އިތުރަށް ވިދާޅުވީ ޕީސީބީއާއެކު ގާތުން މަސައްކަތްކޮށް، އެ ބޯޑަށް ބޭނުންވާ މައުލޫމާތަކީ ކޮބައިކަން އޮޅުންފިލުވުމަށްފަހު، އެއީ ދެވޭނެ މައުލޫމާތެއްކަމުގައިވާ ނަމަ، އެ މައުލޫމާތެއް ދޭނެ ކަމަށެވެ.
އަދި ޕީސީބީން އެދޭ މައުލޫމާތުތައް ހިއްސާ ކުރުމުގައި ބީއެމްއެލް ތައްޔާރަށް އޮތް ކަމަށް އެ ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން މަޝްވަރާތަކެއް ކުރެވި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"...އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވި ކުރިއެރުންތަކެއް ހޯދިފައި ވަނީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނާ މެދު ދެން އެކަހަލަ ކަމެއްގެ ޝަކުވާ އޮންނަވަރު މަދުވާނެހެން ނުވަތަ އެއްކޮށް ނެތިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ބީއެމްއެލްގެ އެކްސްޓާނަލް ކައުންސިލާ މަޒްލާން ރަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރުމާއި ކުންފުނިތައް ހިނގާނުހިނގާ ގޮތް ބެލުމުގެ ޒިންމާ މަތިކޮށްފައި އޮންނަ ޕީސީބީއިން, 28 ފެބްރުއަރީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބުނެފައި އޮތީ ބީއެމްއެލްއިން އެ އިދާރާއަށް އެއްވެސް މައުލޫމާތެއް އަދި އެއްބާރުލުމެއް ވެސް ނުދޭ ކަމަށެވެ.
ބީއެމްއެލްގެ ބޯޑުން މީގެ އަހަރެއް ކުރިން އިސްތިއުފާދެއްވި ބޭފުޅަކު ވަކިކުރަން ޕީސީބީން މީގެ ކުރިން ލަފާދިނެވެ. އެއީ ވެސް ބީއެމްއެލްއިން މައުލޫމާތު ހިއްސާނުކުރުމުގެ ސަބަބުން ދިމާވީ ކަމެއް ކަމަށް ހަމްދީ މީގެ ކުރިން ވިދާޅުވެފައިވެއެވެ.