ލޯކަލް މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
މާރުކޭޓު ގޮޅިއަކުން "ސަން'އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނީ ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 280 ރުފިޔާއަށް ކަމަށެވެ. ސަތޭކަ ގުރާމް މިރުސް 30 ރުފިޔާއަށް މަރުކޭޓު ގޮޅިތަކުން ވިއްކާ ކަމަށް އޭނާ ބުންޏެވެ.
ރޯދަމަސް ފެށުނުއިރު ބާޒާރުން މިރުސް ކިލޯއެއް ލިބެން ހުރީ 700 އާއި 800 ރުފިޔާގެ އަގުތަކެއްގައެވެ. ސަތޭކަ ގުރާމު މިރުސް މާރުކޭޓު ގޮޅިތަކުގައި އޭރު ވިއްކަން ހުރީ 80 ރުފިޔާއަށެވެ.
ނަމަވެސް މިދިޔަ ހަފުތާ ތެރޭގައި މިރުހުގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ކަނޑޫދޫ މިރުހުގެ 100 ގުރާމް 45 ރުފިޔާގައި ހުރިއިރު ކިލޯއެއް ލިބެން ހުރީ 400 ރުފިޔާއަށެވެ.
އޭނާ ބުނީ ރޯދަމަހަށް އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތް ކަމަށްވާ ކަނޑޫދޫ މިރުހުގެ އަގު ހެޔޮވީ މިރުސް ތިޔާގިވުމުން ކަމަށެވެ.
"އެއްޗެހި ގިނަވެފައި ކަސްޓަމަރުންވެސް އެވަރަށް ނެތީމަ އެއީ. އަސްލު އެހާ އަވަހަށް މިރުހުގެ އަގު ދަށްވީ އެހެންވެ. ފަނަރަ ރޯދައަށް ނާރަ އުޅެނިކޮށް އާންމު ރޭޓަށް ވެއްޓިގެން އެދިޔައީ،" އޭނާ ބުންޏެވެ.
ބާޒާރުގައި ތަރުކާރީއާއި ޕަތްޕިލާވެލީގެ އަގުތައް ހުރީ އެއް އަގުތަކެއްގައި ހިފެއްޓިފައެވެ. އެގޮތުން ކެބެޖެއް 35 އާއި 40 ރުފިޔާއަށް ލިބެން ހުރިއިރު ކެރެޓް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ.
މީގެއިތުރުން، މިދިޔަ ހަފުތާގައި ބާޒާރުން ލިބެން ނެތް ކަމަށް ފާހަގަކުރެވުނު ފަޅޯ މިއަދު މާރުކޭޓު ގޮޅިތަކުން ލިބެން ހުރި ކަމަށް "ސަން"އަށް މައުލޫމާތު ދިން ވިޔަފާރިވެރިޔާ ބުންޏެވެ.
ފަޅޯ ކިލޯއެއް ބާޒާރުގައި 50 އާއި 60 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ.
އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 15 އާއި 18 ރުފިޔާގެ އަގެއްގައެވެ. އަދި ލުނބޯ ކިލޯއެއް މިއަދު ބާޒާރުން ލިބެން ހުރީ 60 ރުފިޔާއަށެވެ.