ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު ހިއްސާކުރަން އެބަހުރި: މިނިސްޓަރު

މޭ 6، 2021: ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެ މަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައި އެބަހުރި ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ވަނީ ހާޒިރުކޮށްފައެވެ. އިތުރު ސުވާލުގެ ވަގުތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ވަޒީރާ ސުވާލުކުރައްވައިފައެވެ.

"އެ މައްސަލަ ކޮޅެއްގައި ނުޖެހި އަދި ނުވާ ކަމެއްގެ ގޮތުގައި ގާތްގަނޑަކަށް ނިމިދާތަން މި ފެންނަނީ. ވަރަށް ބިރުހުރި ކަމެއް. މި ސަރުކާރުން އެ މައްސަލައިގެ ފުންމިނަށް ބެއްލެވުމުގެ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ،" އިމްތިޔާޒު އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ، ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ދިފާއީ ވުޒާރާއިން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި، އެ މައްސަލައިގައި މަޖިލީހަށް އިތުރަށް ހިއްސާކުރަންޖެހޭ ބައެއް މައުލޫމާތު މިހާރު އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް މިހާރު ފެނިފައިހުރި ކަންތައްތަކުގައި ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލައިގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި. އެހެންނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާކުރެވޭނީ ތި ބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމާ،" ވަޒީރު ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ޣައްސާން މިއަދު މަޖިލީހުގައި -- ފޮޓޯ/ މަޖިލީސް

މީގެ އިތުރުން، އޭނާ ވަނީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

"ގާނޫނީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން އަޅުގަނޑުމެންގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން [އަރުވަން]،" ވަޒީރު ޔަގީންކަން ދެއްވިއެވެ.

ނަޝީދަށް 2021 ވަނަ އަހަރުގެ ރޯދަ މަހު ބޮމުގެ ހަމަލާއެއް ދީފައިވަނީ ދުރާލާ ރާވައިގެންނެވެ.

ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތު ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ކުއްލި ފަރުވާ ދިނުމަށް ރައީސް ނަޝީދު ވަނީ ޖަރުމަނަށް ވަޑައިގެން އެ ގައުމުން ވެސް ފަރުވާ ހޯއްދަވާފައެވެ.

ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށް އެކަންޏެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

މޭ 6، 2021: ނަޝީދަށް ހަމަލާދިން ސަރަހައްދު -- ސަން ފޮޓޯ/ މުޒައްޔިން

އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރި އިސްހާގަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއެވެ.

ފަހުމީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މުޖާޒް، ތަހުމީން، ހައިޝަމް އަދި އަދުހަމްގެ މައްޗަށް 13 ދައުވާއެއް އުފުލާފައިވެއެވެ.

comment ކޮމެންޓް