އައިޖީއެމްއެޗުން ތުއްތު ކުއްޖަކަށް ނުބައި ބޭހެއް ދިން މައްސަލައެއް ފެންމަތިވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުން ތުއްތު އަންހެން ކުއްޖަކަށް އޮޅިގެން ނުބައި ބޭހެއް ދިން މައްސަލައެއް ސޯޝަލް މީޑިއާގައި މިއަދު ފެންމަތިވެއްޖެއެވެ.

ތުއްތު ކުއްޖާގެ މަންމަ ވަނީ ކަން ހިނގައިދިޔަ ގޮތް ފޭސްބުކްގައި ހިއްސާކޮށްފައެވެ.

އެގޮތުން އޭނާގެ ދަރިފުޅު ވިހެއީ މި މަހުގެ 18ވަނަ ދުވަހު އައިޖީއެމްއެޗްގައި ކަމަށާއި ވިހޭއިރު ކުއްޖާގެ ބަރުދަނުގައި ހަތަރު ކިލޯހުރި ކަމަށް އޭނާ ލިޔެފައިވެއެވެ.

އެހެންކަމުން ކުއްޖާގެ ސިއްހަތު ރަނގަޅުކަމަށް ނިންމާ ކުއްޖާ ނާސަރީއަށްލާން ނުޖެހޭ ކަމަށް ވެސް ޑޮކްޓަރުން ނިންމި ކަމަށް އޭނާ ލިޔެފައިވެއެވެ.

އެއަށްފަހު ޖެހިގެން އައި ރޭ ކުއްޖާ ރީންދޫވާތީ ކަމަށް ބުނެ ނާސަރީއަށް ގެންދިޔަކަމަށް ކުއްޖާގެ މަންމަ ލިޔެފައިވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި 20ވަނަ ދުވަހުގެ ރޭ ޑޮކްޓަރު ގުޅައި، ތުއްތު ދަރިފުޅުގެ އިންފެންޝަނެއް ހުރިކަމަށް ބުންޏެވެ. އަދި އެންޓި ބަޔޮޓިކް ފަށަން ޑޮކްޓަރު ބުނުމުން އެ ކަމަށް އެއްބަސްވީކަމަށް މަންމަ ލިޔެފައިވެއެވެ.

"ހަމަ އެރޭ ފަތިހު ހަތަރެއް ޖެހި އިރު ނާސަރީން ގުޅާފައި ބުނީ ކުއްޖާއަށް ގާތުން ދިނުމަށް ދާން. އަހަރެން ދިޔައީމަ ދަރިފުޅު ގޮވައިގެން ހުރި ނަރުސް ކުއްޖާ ބުނީ، އެންޓިބަޔޮޓިކް ދޭނީ ފަތިހު ހަތަރެއް ޖަހާއިރު އެއް ބޭސް އަދި ފަހެއް ޖަހާއިރު އެހެން ބޭހެއް ކަމަށް. އަދި ހަވީރު ވެސް ހަތަރެއް ޖަހާއިރާ ފަހެއް ޖަހާއިރު މި ދެ ބޭސް ދޭނެ ކަމަށް އޭނާ ބުނި،" ކުއްޖާގެ މަންމަ ލިޔެފައިވެއެވެ.

އޭނާ ލިޔެފައި ވާގޮތުގައި 21ވަނަ ދުވަހުގެ ރޭ ކުއްޖާގެ މަންމައާ އެއް ކޮޓަރިއަކަށް ތުއްތު ކުއްޖާ ބަދަލު ކުރަން ކަމަށް ބުނެ ނާސަރީން ގުޅިއެވެ. ނަމަވެސް، ތުއްތު ކުއްޖާ ރީންދޫ ވާތީ ބަދަލުކުރީ ފޮޓޯތެރަޕީއާއެކުއެވެ.

ކުއްޖާއަށް ދޭންޖެހޭ ބޭހުގެ އިތުރު ޑޯޒެއް ނާސަރީ ނަރުހުންނަށް ދެވިފައި ވާކަން ނަރުހަކަށް ފާހަގަވީ ކުއްޖާ މަންމަ ކައިރިއަށް ބަދަލުކުރި ހިސާބުންނެވެ.

އެހިސާބުން ކޮންސަލްޓަންޓެއް ކުއްޖާ ބެލުމަށް ފަހު ބޭހުގެ 60 މިލިގްރާމް އިތުރަށް ދެވިފައި ވާކަން ކުއްޖާގެ ބެލެނިވެރިންނަށް އެންގި ކަމަށް ކުއްޖާގެ މަންމަ ލިޔެފައިވެއެވެ.

"ކޮންސަލްޓެންޓް އަހަންނާ އަހަރެންގެ ފިރިމީހާއަށް އެންގީ ބޭހުގެ 60 މިލިގްރާމް އިތުރަށް ދެވިފައި ވާކަމަށް. އެއީ އެދުވަހުގެ ފަތިހު ފަހެއް ޖަހާއިރު ދީފައި ހުއްޓާލަން ޖެހޭ ބޭހެއް ހަވީރު ވެސް ދީފައި ވަނީ. އެހެންވީމަ އަހަރެންގެ ދަރިފުޅަށް ދީފައި ވަނީ، ބޭހުގެ 120 މިލިގްރާމް،" ކުއްޖާގެ މަންމަ ލިޔެފައިވެއެވެ.

މި ބޭސް އިތުރަށް ދެވުމުގެ ސަބަބުން ކުއްޖާގެ ކިޑްނީ ފެއިލްވެ އަޑުއިވުމުން މަހްރޫމުވުމުގެ އިތުރުން ނާރުގެ ބަލިތަކަށް މަގުފަހިކުރުވާ ކަމަށް ކުއްޖާގެ މަންމަ ލިޔެފައިވެއެވެ.

މިކަމުގެ ޒިންމާ ނަގަނީ ކޮންބައެއްތޯ ސުވާލުކޮށް، ކުއްޖާގެ މަންމަ ލިޔެފައި ވަނީ ހޮސްޕިޓަލުން ބުނިހާ ވެސް އެެއްޗަކީ އެފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ފަރުވާ ދެވޭނެކަން ކަމަށެވެ.

މީގެ އިތުރުން ކުއްޖާގެ ނުވެސް ނެތް ބަލިތަކަކaށް ހޮސްޕިޓަލުން ކުއްޖާ ޑައިގްނޯސް ކުރިކަމަށް ކުއްޖާގެ މަންމަ ލިޔެފައިވެއެވެ. އެގޮތުން ރިޕޯޓުތައް ލިބުންއިރު ކުއްޖާގެ އެއްވެސް އިންފެކްޝަން އެއްވެސް ނެތްކަން އިނގުނު ކަމަށާއި އޭނާގެ ދަރިފުޅާ އެހެން ކުއްޖެއް ހޮސްޕިޓަލުން އޮޅުވާލީ ކަމަށް އޭނާ ލިޔެފައިވެއެވެ.

މިއީ އޭނާގެ ފުރަތަމަ އަންހެން ދަރިފުޅުކަން ފާހަގަކޮށް އޭނާ ލިޔެފައި ވަނީ، ކޮންމެވެސް ސަބަބަކާ ހުރެ ދަރިފުޅު ދޫކޮށްލަން ހޮސްޕިޓަލުން އަދިވެސް އަންނަނީ ދެކޮޅު ހަދަމުން ކަމަށެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމުގައި އިހުމާލުވުމުގެ މިފަދަ މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް