ޕަންޖާބް ކިންގްސްއިން ޑެއްލީ ކެޕިޓަލްސް ބަލިކޮށްފި

ޕަންޖާބް ކިންގްސް މިމެޗު ކާމިޔާބު ކޮށްފައިވަނީ 4 ވިކެޓުން / ފޮޓޯ: ފަސްޓްޕޯސްޓް

އިންޑިއަން ޕްރިމިއާ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ޕަންޖާބް ކިންގްސް އާއި ޑެއްލީ ކެޕިޓަލްސް ބައްދަލުކުރި މެޗު ޕަންޖާބް ކިންގްސް ކާމިޔާބު ކޮށްފިއެވެ.

މުލާންޕޫރުގެ މަހާރާޖާ ޔާދަވިންޑްރާ ސިންގް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ކިންގްސް ކާމިޔާބު ކުރީ ހަތަރު ވިކެޓުންނެވެ. މިމެޗުގެ ޓޮސް ދިމާވުމުން ކިންގްސްއިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ކެޕިޓަލްސްއިން އެންމެ ފުރަަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 174 ލަނޑެވެ.

ކެޕިޓަލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ލަނޑު ހަދައިދިން ޝައި ހޯޕްއެވެ. މީގެއިތުރުން އަބީޝޭކް ޕޮރެލް 32 ލަނޑު ހަދައިދިން އިރު ޑެވިޑް ވޯނާވަނީ 29 ލަނޑު ހަދައިދީފައެވެ. މިމެޗުގައި، ޑެއްލީ ކެޕިޓަލްސްގެ ކެޕްޓަން ރިޝަބް ޕަންޓް ގިނަ ދުވަސްތަކެއްވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ވަނީ ކުޅެފައެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެއްޓެއްގައި އަނިޔާވުމުގެ ސަބަބުން ޕަންޓް މިހާތަނަށް ހުރީ ކުޅުމާ ދުރުގައެވެ. މިއީނިންގްސްގައި ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 28 ލަނޑަށް ދެ ވިކެޓް ނަގައިދިން އަރުޝްދީޕް ސިންގް އާއި ހަތަރު އޯވަރު 47 ލަނޑަށް ދެ ވިކެޓް ނަގައިދިން ހަރްޝަލް ޕަޓޭލްއެވެ.

ޖަވާބުގައި ކިންގްސް އިން ކުޅެން އަރާ 19 އޯވަރު ދެ ބޯޅައަށް ހަ ކުޅުންތެރިން ނުބައިވެގެން 177 ލަނޑު ހަފާ މެޗު ކާމިޔާބު ކުރިއެވެ. މިމެޗުގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 63 ލަނޑު ހަދައިދިން ސޭމް ކުރާންއެވެ.

މީގެއިތުރުން ލިއަމް ލިވިންސްޓޯންވަނީ 38 ލަނޑު ހަދައިދީފައެވެ. މިއީނިންގްސްއަށް ކެޕިޓަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 20 ލަނޑަށް ދެ ވިކެޓް ނަގައިދިން ކުލްދީޕް ޔާދަވް އާއި ހަތަރު އޯވަރު 43 ލަނޑަށް ދެ ވިކެޓް ނަގައިދިން ޙަލީލް އަހްމަދެވެ.

މިމުބާރާތުގައި ކޮލްކަޓާ ނައިޓް ރައިޑާސް އާއި ސަންރައިޒާސް ހައިދުރަބާދު ބައްދަލުކުރި މެޗު ހަތަރު ލަނޑުގެ ތަފާތުން ކާމިޔާބު ކޮށްފައިވަނީ ނައިޓް ރައިޑާސްއިންނެވެ.

comment ކޮމެންޓް