ނިއުޒީލަންޑުން ޓީ ޓުވެންޓީ އަންހެން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި ބޭއްވި ޓީ ޓުވެންޓީ އަންހެނުންގެ ކްރިކެޓް ވޯލްޑް ކަޕް ނިއުޒީލަންޑުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ނިއުޒީލަންޑުން ހޯދީ ދުބާއީގެ ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި ދެކުނު އެފްރިކާއާ ބައްދަލުކުރި މެޗު 32 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ދެނުކު އެފްރިކާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑްކުރާށެވެ. މި ގޮތުން، ނިއުޒީލަންޑުން އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 158 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 43 ލަނޑު ހަދައިދިން މެލީ ކާއެވެ. ބްރޫކް ހޮލިޑޭ 38 ލަނޑު ހަދައިދިންއިރު ސުޒީ ބޭޓްސް ވަނީ 32 ލަނޑު ހަދައިދީފައެވެ.

މި އީނިންގްސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 31 ލަނޑަށް ދެ ވިކެޓް ނަގައިދިން ނޮންކުލުލޭކޯ އެމްލާބާއެވެ.

ޖަވާބުގައި ދެކުނު އެފްރިކާއިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 126 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 33 ލަނޑު ހަދައިދިން ކެޕްޓަން ލައުރާ ވުލްވާޑެވެ. މީގެ އިތުރުން، 10 ލަނޑަށް ވުރެ އިތުރަށް ހެދުނީ ވެސް އެންމެ ތިން ކުޅުންތެރިންނަށެވެ.

ނިއުޒީލަންޑް ޓީމަށް ބަލައިލާއިރު އެ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 24 ލަނޑަށް ތިން ވިކެޓް ނަގައިދިން ކާއާއި ހަތަރު އޯވަރު 25 ލަނޑަށް ތިން ވިކެޓް ނަގައިދިން ރޯސްމޭރީ މެއާއެވެ.

މުބާރާތުގެ ޗެމްޕިއަންކަން މުޅިން އަލަށް ނިއުޒީލަންޑުން މި ފަހަރު ހޯދިއިރު ގިނަ ބަޔަކަށް ވަނީ އެ ޓީމުން ހޯދި ކާމިޔާބީ ހައިރާން ކުރުވާފައެވެ. މުބާރާތަށް އައުމުގެ ކުރިން އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ވަނީ ބަލިވެފައެވެ. މިއީ ނިއުޒީލަންޑުން ޓީ ޓުވެންޓީ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ތިންވަނަ ފަހަރެވެ.

ނަމަވެސް، މީގެ ކުރިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ކުޅުނު ފައިނަލުން ވަނީ ބަލިވެފައެވެ. ދެކުނު އެފްރިކާއަށް ބަލާއިރު އެ ޓީމު ވެސް ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލްގައި ދެކުނު އެފްރިކާ ބަލިވެފައިވަނީ އޮސްޓްރޭލިއާ އަތުންނެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މި ފަހަރުވަނީ މުޅިން އަލަށް ފިރިހެން ޓީމުގެ މުބާރާތެކޭ އެއްވަރަށް އަންހެން ޓީމުގެ މުބާރާތުގެ އިނާމް ފައިސާ ބޮޑުކޮށްފައެވެ. އެހެންކަމުން މި ފަހަރު ނިއުޒީލަންޑަށް މުބާރާތް ކާމިޔާބުކުރުމުން އިނާމް ފައިސާގެ ގޮތުގައި 2.34 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ. ދެނުކު އެފްރިކާއަށް 1.7 މިލިއަން ޑޮލަރު ލިބޭނެއެވެ.

comment ކޮމެންޓް