ދައުލަތަށް ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅާ މީހުންނަށް ކަމާ ގުޅުންހުރި ރިކޯޑްތައް ހުށަހަޅަން ދަތިތައް ދިމާވާތީ، ރައީސް އޮފީހުން އެ ރިކޯޑްތައް ހޯދުމަށް ފަހު ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ މީހުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރުވެސް ވަނީ އިނާމު އަރުވައިފައިިވާ ކަމަށެވެ.
ނަމަވެސް ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަފުޅު ރެކޯޑުތައް ހޯދަން ދަތިތަކެއް ކުރިމަތިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އޭގެ އެއް ސަބަބަކީ ކުރިން އެ ބޭފުޅުން ޚިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލާފައި ވުމުން މަޢުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވުންކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.
އެހެންވެ އެ މައްސަލަ ހައްލުކުރުމަށް ރައީސް ނިންމެވީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްޞީލު މަޢުލޫމާތު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު ދިނުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، އެ ބޭފުޅުންގެ މަޢުލޫމާތު ރައީސް އޮފީހުން ކޮމިޓީއަށް ފޮނުވަން ނިންމުމުން ދެން ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލާފައިވާ ފުރުސަތުގައި، އެ ލިސްޓުގައި ނަން ހިމެނޭނެ މީހުން ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ މީހުންގެ ރެކޯޑާއި މަޢުލޫމާތުވެސް ރައީސް އޮފީހުން ހޯދުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ދިނުމަށް ހަމަޖައްސާފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.