ފެނުގެ ވިއުގައަށް އަރާ ގޮތަށް ގޯތި ދިން މައްސަލަ ހައްލުކުރަން 200 މިލިއަން ރުފިޔާ ޚަރަދުވާނެ: ފަޒުލް

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އިންފާރުގައި ގާ އަތުރަން ފެށުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ފަޒުލް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު މާވީ

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން، ފެނާއި ނަރުދަމާ ވިއުގައިގެ މަތިން ދީފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރުމަށް 200 މިލިއަން ރުފިޔާ ޚަރަދުވާނެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި އެޗްޑީސީން ވަނީ ދެވަނަ ފިޔަވަހިން ގޯތި ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އޭގެ އެއް ސަބަބަކީ ބައެއް ގޯތި ފެނާއި ނަރުދަމާގެ ވިއުގަ މަތިން ދީފައި ހުރުމުން ކަމަށް ބުނެފައެވެ.

ގޯތިތަކުގެ އިން ފާރުގައި ގާ އެތުރުމަށް އެޗްޑީސީން ބޭއްވި ހަރަކާތުގައި ފަޒުލް ވިދާޅުވީ އެ މައްސަލަ އެޗްޑީސީން ހައްލު ކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީއިން ޑިޒައިނިންގެ މަސައްކަތްތަށް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އެ މަސައްކަތުގައި އެންމެ އުނދަގޫވާނީ ރިޑިޒައިނިންއާއި އެކަމަށް ދާނެ ޚަރަދު ކަމަށެވެ.

"މީގެ ކުރިންވެސް އެޗްޑީސީން އޮތީ ސަރުކާރަށް ފައިސާގެ ވާހަކަ ދަންނަވައިފައި. މީގެ ކުރީ ސަރުކާރުތަކުގައިވެސް. އެ ފައިސާއެއް ނުލިބޭ މިތާކަށް،" ފަޒުލް ވިދާޅުވިއެވެ.

ފަޒުކް ވިދާޅުވި އެ ޚަރަދު 200 މިލިއަނެއްހައި ރުފިޔާއަށް އަރާނެކަމަށް ބިންވެރިޔާ ސްކީމުގެ ލިޔެކިޔުންތަކުން ދައްކާ ކަމަށާއި އެކަން ވެސް ކުރީ ސަރުކާރަށް އެނގޭނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރިއިރު ބޭނުންކުރާ ބިންތަކުން ވެސް ގޯތި ދީފައި ހުރި ކަމަށެވެ. އެގޮތުން ބައެއް ތަންތަން ޓެމްޕޮރަރީ ސައިޓުގެ ގޮތުގައި ވެސް ކުރީ ސަރުކާރުން ދީފައި ހުރި ކަމަށާއި މިހާރު އެޗްޑީސީގެ ފަރާތުން އެތަންތަން ނަަގައިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އެޗްޑީސީން ކުރަމުން ދަނީ އެ ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ އިން ފާރުގައި ގާ އެތުރުމަށް ބޭއްވި ހަރަކާތަށް ފަހު ދެން ބިންތައް އޭގެ ވެރިންނާ ހަވާލު ކުރާނީ އިންފާރުގައި ގާ އެތުރުމަށް ފަހު ކަމަށް އެޗްޑީސީން ބުންޏެވެ.

މިއީ ކުރިން ވަރަށް ދިގުދެމިގެންދާ މަރުހަލާއެއް ކުރުކޮށް، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެެވެ.

އެޗްޑީސީން ގޯއްޗާ ގުޅޭ ގޮތުން ފާޅުކުރި ކަންބޮޑުވުމަށް ރައްދު ދެއްވައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ގޯތިތައް ދޫކޮށްފައިވަނީ އެޗްޑީސީން ދިން ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށެވެ.

https://sun.mv/189970

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެގޮތުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅުންނާއި ގިރާވަރުފަޅުންނެވެ.

comment ކޮމެންޓް