މިހާރަށް ވުރެ ރަނގަޅަށް ރިސްކު އެލަވެންސް ދޭން މަސައްކަތް ކުރާނަން: ރައީސް

ރައީސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން-- ފޮޓޯ/ ރައީސް އޮފީސް

ހައި ރިސްކު މާހައުލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ރިސްކު އެލަވެންސް މިހާރަށް ވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ތައާރަފުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މާލެ ސިޓީ، މއ. ސްނޯވައިޓް އާމިނަތު ނަތާޝާ ވަނީ އެމްޓީސީސީ، އެޗްޑީސީ އަދި ވެމްކޯ ކަހަލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކް އެލަވެންސް ނުލިބޭތީވެ ކަންބޮޑުވުން ފާޅުކޮށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވެންސް ދެވޭނެގޮތެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތުގައި ރިސްކް އެކުލެވިގެންވާނަމަ އެ ކުންފުންޏެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެ އެލަވެންސް ހަމަޖެހެން ޖެހޭނެ ކަމަށެވެ.

"މިިސާލަކަށް އެމްޓީސީސީ ބަނދަރު ހެދުމާއި މިކަހަލަ މަސައްކަތްތަކުގައި އުޅޭ ފަރާތްތައް، ތަފާތުވާނެ އެކަހަލަ އެއްވެސް އައުޓްޑޯ މަސައްކަތެެއް ނޫނީ ރިސްކީ ތަނެއްގައި މަސައްކަތް ނުކުރާ ކަހަލަ ކުންފުންނެއްގެ މުވައްޒަފުންނާ." ރައީސް ވިދާޅުވިއެވެ.

އެެހެންކަމުން އެފަދަ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ބަލާނަން ވީހާވެސް ގިނަ ފަރާތްތަކަކަށް. ރިސްކް އެންވަޔަރަމެންޓް އެއްގައި މަސައްކަތްކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް މިހާރަށްވުރެ ޝާމިލްކަން ބޮޑުގޮތެއްގައި ރިސްކް އެލަވެންސް ތައާރަފު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން."

comment ކޮމެންޓް