މިހާރު ސަރުކާރާ ވާދަވެރިކޮށް މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތައް ކޯޓުތަކުގައި އަވަހަށް ކުރިއަށް ގެންދެވުނީ، ކޯޓުތަކުގައި ވަސީލަތް ގިނަވެގެންތޯ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިރޭ ސުވާލު އުފައްދަވައިފިއެވެ.
އޭނާ މި ފަދައިން ސުވާލު އުފެއްދެވީ ކޯޓުތަކަށް ބޭނުންވާ ވަސީލަތް ނުލިބޭނަމަ ޝަރީއަތްތައް އަވަސްވާނެ ކަމާމެދު އުންމީދު ނުކުރެއްވުމަށް ސުޕްރީމް ކޯޓުގެ އިސް ފަނޑީޔާރު ހުސްނުއް ސުއޫދު ހުކުމެއްގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް ފާޑު ވިދާޅުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނުގެ ޝަރީއަތްތައް ކޯޓުތަކުގައި ދިޔައީ 'ރޮކެޓް ސްޕީޑު'ގައި ކަމަށެވެ. އެއީ ވަސީލަތް ގިނަވެގެންތޯ ވެސް އެއްސެވިއެވެ.
ނަމަވެސް އިސްތިއުނާފީ މަރުހަލާ ދަނީ 'ފިނިހަކަ ސްޕީޑުގައި' ކަމަށް ވިދާޅުވިއެވެ.
"ހަމަ އެ މައްސަލަގެ އިސްތިއުނާފު މިއަދު ފިނިހަކަ ސްޕީޑުގައި ޓަކަޓަކަ އަޅުވަނީ ވަސީލަތް މަދުވެގެންބާ؟،" ޖަމީލް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަދުގެ ޖުޑިޝަރީއަކީ ވަކިފަރާތަކަށް ނުޖެހޭ ނުފޫޒުން މިނިވަން ބައެއް ކަމުގައި ދައްކަން އުޅުމަކީ 'ބިންމަތީގައި ތިބެގެން ހަނދަށް ކުޅު ޖަހަން އުޅުން ކަހަލަ ކަމެއް ކަމަށް' ޖަމީލް ވިދާޅުވިއެވެ.
"ނުކުރަންވީ ސިޔާސީ ވުން. ވެރިންގެ ރުހުން ހޯދުން. ކުނިވެ ފުޅަވެފައިވާ މަސްގަނޑެ ފަދައިން މުޅި މާހައުލު ތަޢައްޔަރުކުރާ ސިޔަސީ ހަތިޔާރަކަށް ނުވާންވީ،" އޭނާގެ ޕޯސްޓުގައި ވެއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވާ ޔާމީން، ޖަލުން ގެކޮޅަަށް ބަދަލު ކޮށްދެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއެކު ރައީސް މުއިއްޒު، އެ ކަމަށް އެދިވަޑައިގަތުމުންނެވެ. ޔާމީން މިހާރު ވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ.
އެ މަނިކުފާނުގެ އިސްތިއުނާފީ މަރުހަލާ އަދިވެސް ހުއްޓިފައި އޮތީ ހައިކޯޓާ ހަމައިގައެވެ.