ކުޑަކުދިންގެ އޮރިޔާން ފޮޓޯ ގެންގުޅުނު މީހާއަށް ދައުވާނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއް

ޖޫން 29، 2020: ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގެ ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑްކޮށްގެން ގެންގުޅުނު މައްސަލައެއްގައި ފުލުހުން ދައުވާކުރަން ފޮނުވި މީހާއަށް ދައުވާނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ފުލުހުން މި މަހު 17 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުޑަކުދިންގެ އޮރިޔާން ގެންގުޅޭ ބައެއްގެ މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އެ ދުވަހު ފުލުހުން ބުނީ، އެ ތުހުމަތުވާ އެކެއްގެ މައްސަލައިގައި ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެއީ، 32 އަހަރުގެ މީހެކެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީމ އެ މައްސަލައިގައި ނޮވެމްބަރު 15، 2023 ގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

"ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ވަކި ކުށެއް ގާނޫނުގައި ނޯވޭ. ހަމަ އޮންނަނީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށް، އަދަބަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް،" ނަސޭހަތުގެ އެއްބަސްވުމެއް ހެދި ސަބަބު ތަފުސީލުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.

https://sun.mv/189928

އޭނާ ވިދާޅުވީ، އެ ހުރިހާ ކަމެއްގެ އިތުރުން، ތުހުމަތުވާ މީހާ ކުށުގައި ބައިވެރިވީ މިންވަރަށް ރިއާޔަތްކުރުމަށް ފަހުގައި އެއްބަސްވުމެއް ހަދަން ނިންމީ ކަމަށެވެ.

"އޭނާ އިއުތިރާފުވެ ކުށާމެދު ދެރަވާކަން ހާމަކޮށްފައިވާތީ، އެއް އަހަރުގެ މުއްދަތަށް ނަސޭހަތުގެ އެއްބަސްވުން ހެދީ،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންނާ މެދު ކުރާ ކުށްތައް ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮފްވަތު ރައުފް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޑައުންލޯޑް ކުރާ މީހުންގެ މައުލޫމާތު ބޭރުގެ އިދާރާތަކުން ހިއްސާކުރުމާ ގުޅިގެން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

"މީގައި ވެސް ފާހަގަކޮށްލެވޭ އެއް ކަމަކީ ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކާއި މޮބައިލް ނަންބަރުތައް ހިމެނޭ ގޮތުން، މިގޮތަށް މި ޑައުންލޯޑްކުރާ ކުޑަކުދިންގެ ފޮޓޯ ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އަޅުގަނޑުމެން ބަލަމުން މި ދަނީ،" ސޮފްވަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފޮޓޯތަކާއި ވީޑިއޯތަކުގައި ދެ އަހަރު ކަމަށް ބެލެވޭ ކުދިން ވެސް ހިމެނޭ ކަމަށެވެ.

comment ކޮމެންޓް