ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، ސޯޝަލް މީޑިއާ މެދުވެރިކޮށް ޑައުންލޯޑް ކުރާ ބަޔެއްގެ މައުލޫމާތު، އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ގާނޫނު ތަންފީޒުކުރާ އޭޖެންސީތަކުގެ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުޑަކުދިންނާ މެދު ކުރާ ކުށްތައް ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮފްވަތު ރައުފް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޑައުންލޯޑް ކުރާ މީހުންގެ މައުލޫމާތު ބޭރުގެ އިދާރާތަކުން ހިއްސާކުރުމާ ގުޅިގެން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި ދެވަނަ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގައި ވެސް ފާހަގަކޮށްލެވޭ އެއް ކަމަކީ ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކާއި މޮބައިލް ނަމްބަރުތައް ހިމެނޭ ގޮތުން، މިގޮތަށް މި ޑައުންލޯޑް ކުރާ ކުޑަކުދިންގެ ފޮޓޯ ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އަޅުގަނޑުމެން ބަލަމުން މިދަނީ،" ސޮފްވަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ފޮޓޯތަކާއި ވީޑިއޯތަކުގައި ދެ އަހަރު ކަމަށް ބެލެވޭ ކުދިން ވެސް ހިމެނޭ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެއް ކަމަށް ސޮފްވަތު ވިދާޅުވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި، އެ ދާއިރާގައި މިހާރު ހިމެނޭ ފުލުހުން އިތުރަށް ތަމްރީނު ކުރުމުގެ މަސައްކަތް ބޭރުގެ ފަރާތްތަކާ ގުޅިގެން މި އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ.