މި ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލާ އެކުގައި އެ އަވަށުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދަން ފުރައިގެން މާލެ އަންނަން ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މާލެ ސިޓީ، ވ. ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ވަނީ ވިލިމާލެ ހޮސްޕިޓަލުގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައިފައެވެ.
"ސިއްހީ މަރުކަޒަކުން ދެވެންޖެހޭ ޚިދުމަތެއް ވެސް [ވިލިމާލެ] ހޮސްޕިޓަލަކުން ދެވެނީއެއް ނޫން. އެންމެ އިމަޖެންސީވެގެން ވިޔަސް ފުރައިގެން ދާންޖެހެނީ މާލެ،" އޭނާ ބުންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ވިލިމާލޭގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމެއް ކަމަށެވެ. އެގޮތުން، މި ސަރުކާރުން އެ އަވަށުގައި އަޅަން އިއުލާނުކުރި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރަން ނިންމާފައިވާ އެ ހޮސްޕިޓަލްގެ މިހާރު ކުރިއަށްދަނީ ކުރެހުމާއި ޓެކްނިކަލް ބައެއް މަސައްކަތްތަކެވެ. ރައީސް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
"އެ މަސައްކަތް ނިމުނުހާ އަވަހަކަށް ދެން ފެންނާނީ އަމަލީގޮތުން ކަންކުރަން ބަޔަކު އައިސް މަސައްކަތް ފަށާތަން،:" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
"ޔަގީންކަން މި ދެނީ އިރާދަކުރެއްވިއްޔާ ވިލިމާލޭގައި ވިލިމާލޭ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހެވެ. އޭރު އެ މަޝްރޫއު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.