ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ދެން ދުވަހަކު ވެސް ޣައްޒާގެ ވެރިކަން ނުކުރެވޭނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސްގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސް މުޝީރު މައިކް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.
ސީއެންއެންގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" އިންޓަވިއުގައި ވޯލްޓްޒް ވިދާޅުވީ، ހަމާސްއަށް ދެން ޓެރަރިސްޓު ޖަމިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިނުވެވޭނެ ކަމަށާއި ޣައްޒާގެ ވެރިކަން ކުރަން ވެސް ދެން ނުލިބޭނެ ކަމަށެވެ.
ކޮންގްރެސްގެ ކުރީގެ މެމްބަރު ވޯލްޓްޒް އެގޮތަށް ވިދާޅުވީ، އިސްރާއީލުން 15 މަސް ވަންދެން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، އެ އެއްބަސްވުމަށް އަމަލު ކުރަންފެށި ފަހުންނެވެ.
ހަމަލާތައް ހުއްޓާލުމުގެ މަރުހަލާތައް ފެށި ނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް އިސްރާއީލުން ކުރިއަށްދާނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.
"[އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެކަން] ކަށަވަރު ކުރުމުގެ ގޮތުން އިސްރާއީލުން ކުރަންޖެހޭ ކަންތައްތައް އެބަކުރޭ. އަދި އެމެރިކާއިން، ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، [އިސްރާއީލަށް] ތާއީދުކުރާނެ. ހަމާސްއިން ދެން ދުވަހަކުވެސް ޣައްޒާގެ ވެރިކަމެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.
މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭންފެށި ހަމަލާތައް ހުއްޓާލިއިރު 46،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެެވެ.
އެ ހަމަލާތައް އިސްރާއީލުން ފެށީ ހަމާސްއިން އިސްރާއީލަށް ދިން އަރައި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެއެވެ. އިސްރާއީލް ސަރުކާރުން ވަނީ ހަމާސް އެއްކޮށް ނައްތާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންނާއި ދެން އަންނަން އޮތް ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ އިސްރާއީލު ދިފާއުކޮށް، ހަމަލާތަކަށް އަސްކަރީ އެހީ ދޭނެ ކަމަށް ބުނެފައެވެ.