ރޯދަމަހު ހަށިގަނޑު ސާފުތާހިރުކޮށް ބަލަހައްޓާނީ ކިހިނެއް؟

ގިނަ ގިނައިން އަތް ދޮވުމަކީ ބަލިތަކުން ދުރުކޮށްދޭ ކަމެއް -- ފޮޓޯ/ޕިންޓަރެސްޓް

ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ގިނަ ބަޔަކު ހޭލަ މޭލައަށް އެކި ކަންކަމުގައި މަޝްއޫލުވެގެން އުޅޭ މައްސަރެކެވެ. އޭގެ ތެރޭގައި ގެއަށް ބޭނުންވާ ބައެއް ސާމާނުތައް ގަންނަން ބާޒާރަށް ދިއުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާ އެކު ބަދިގެތެރޭ ގިނަ ވަގުތު ކެއްކުމުގެ މަސައްކަތުގައި ވެސް ގިނަބަޔަކު މަޝްއޫލުވެ އުޅޭ އެއް މައްސަރަކީ ރަމަޟާން މަހެވެ.

މިފަދަ މައްސަރެއްގައި ވެސް އަމިއްލަ ނަފުސު ސާފުތާހިރުކޮށް ބެހެއްޓުމަށް އިސްކަން ދިނުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ. މަސައްކަތްތަކުގައި އަވަދިނެތި އުޅެމުން ތިމާގެ ހަށިގަނޑު ނުތާހިރު ކަމުގެ ތެރެއަށް ދޫކޮށްލުމަކީ ސިއްހީ ތަފާތު އެކި މައްސަލަތަކަށް މަގުފަހި ކުރުވާނެ ކަމެކެވެ.

އެގޮތުން ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭ:

• ބޭރުތެރޭ އުޅޭއިރު މަގުމައްޗަށް ކުޅު ނުޖެހުން

ގާތްގަނޑަކަށް 12 ގަޑިއިރަށްވުރެ ގިނައިރު އެއްވެސް އެއްޗެއް ނުކައި ތިބުމުގެ ސަބަބުން ގިނަ ބަޔަކު ކުޅު ޖަހަން ބޭނުވެއެވެ. ނަމަވެސް އެއީ އިތުރު ބަލިތައް ފެތުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ރަމަޟާން މަސް ނޫނަސް އެއްވެސް އިރެއްގައި މަގުމައްޗަށް ކުޅުޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

• ހެނދުނު ހޭލައިގެން ދަތް އުނގުޅުން

ހާރުކައިގެން ދަތް އުނގުޅުމަށްފަހު ހެނދުނު ހޭލައިގެން ދަތް ނުއުނގުޅުމަކީ އަނގައިން ނުބައި ވަސްދުވުން ފަދަ އެހެންމީހުންގެ ކުރިމަތީ ލަދުގަންނަންޖެހޭ ފަދަ ކަންކަމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ދަތުގެ އެކި ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަމެއް ވެސް މެއެވެ.

ރަމަޟާން މަހުވެސް އަމިއްލަ ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުކޮށް ހަށިގަނޑު ބެހެއްޓުން މުހިއްމު -- ފޮޓޯ/ ޕިންޓަރެސްޓް
• ގިނަ ގިނައިން އަތް ދޮންނަން އާދަކުރުން

ބޭރުތެރޭ އުޅުމަށް ފަހު ގެއަށް އަންނަ ކޮންމެ ވަގުތަކު ވެސް ރަނގަޅަށް އަތް ދޮންނަން އިސްކުރާށެވެ. ހާއްސަކޮށް ބަދިގެތެރޭ ކެއްކުމުގައި މަޝްއޫލުވެ އުޅޭ މީހުން ގިނަ ގިނައިން އަތް ދޮންނަން އިސްކަންދިނުން މުހިއްމެވެ.

މީގެ އިތުރުން، ރޯދަ ވީއްލާ ވަގުތު ކެއުމުގެ ކުރިން އަތް ދޮންނަން އާދަ ކުރުމަކީ ޖަރާސީމުތަކާ މީހާ ދުރުކޮށްދީ ރައްކާތެރިކޮށްދޭނެ ކަމެކެވެ.

• ރޯދަ ވީއްލާ ވަގުތު ހަށިގަނޑަށް ރައްކާތެރި ދުޅަހެޔޮ ކެއުމެއް އިޚުތިޔާރުކުރުން

މުޅީ ދުވަހު ހުސް ބަނޑާ ހުރުމަށް ފަހު ރޯދަ ވީއްލާ ވަގުތު މީރު ކެއުމެއް ކާލާ ހިތްވުމަކީ ޤުދުރަތީ ގޮތުން ވެސް ކޮންމެ މީހަކަށް ވެސް ކުރެވޭނެ އިހުސާސެކެވެ. އެހެންނަމަވެސް ތިމާގެ އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން މޭވާއާއި ތަރުކާރީގެ ބާވަތްތައް ރޯދާ ވީއްލާ ވަގުތުގެ ކެއުމުގައި ހިމަނާލެވިދާނެއެވެ.

comment ކޮމެންޓް