އަމިއްލަ ފަރާތްތަކުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
މިކަމަށް ޚާއްސަކޮށް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ މިސްކިތް އަޅައިދިނުމަށް އަމިއްލަ ތިން ފަރާތަކާއެކު މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

ތިން ރަށެއްގައި މިސްކިތް ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/މިނިސްޓްރީ
އެގޮތުން އަމިއްލަ ފަރާތްތަކުގެ ހިލޭ އެހީގެ ދަށުން މިސްކިތް އަޅައިދޭ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ ހުޅުދޫ، ރ. އަލިފުށީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހި ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން ހުޅުދޫގައި މިސްކިތް ގާއިމުކުރުމަށް ސޮއިކޮށްފައިވަނީ އެ ރަށުގައި މިސްކިތް ބިނާކުރާ ފަރާތްކަމަށްވާ މުޙައްމަދު ޞާލިހެވެ.
އެގޮތުން ހުޅުދޫގައި މިސްކިތް ގާއިމުކުރާނީ އެރަށު މޫންލައިޓް ކިޔާ ގޯތީގައި ހުރި ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

ތިން ރަށެއްގައި މިސްކިތް ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/މިނިސްޓްރީ
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރާނީ ޞާލިހްގެ އަމިއްލަ ޚަރަދުގައި ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މީގެއިތުރުން، ހުޅުމާލެ ފޭސް ދޭއް ލޮޓް ނަންބަރު (ޏ5-53) ގައި މިސްކިތް ބިނާކުރުމަށް ސޮއިކޮށްފައިވަނީ މުޙައްމަދު ޔޫސުފެވެ.
އަދި، އަލިފުށީގައި އެއްފަހަރާ 570 މީހުންނަށް ނަމާދު ކުރެވޭ ވަރުގެ މިސްކިތެއް އެޅުމަށް އެއްބަސްވެފައިވަނީ އަބްދުއްރަޙްމާން މޫސާއެވެ.
މިސްކިތުގެ ހުރިހާ މަސައްކަތްތައް އަބްދުއްރަހްމާންގެ އަމިއްލަ ޚަރަދުގައި ކުރުމަށް ހަމެޖެހިފައިވާއިރު 732 ދުވަހުގެ ތެރޭ މިސްކިތް ބިނާކުރުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.