ކެނަޑާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކޮށްފައި އޮތް އޮތުން ދަމަހައްޓައިފި

ކެނެޑާގެ ހާރިޖީ ވަޒީރު މެލާނީ ޖޯލީ -- ފޮޓޯ/ރޮއިޓާސް

މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުން ފެށުގެން އިސްރާއީލަށް އާ ހަތިޔާރު ފޯރުކޮށްދިނުން ކެނެޑާއިން މަނާކޮށްފައި އޮތް އޮތުން އަދިވެސް ދަމަހައްޓާނެ ކަމަށް ކެނެޑާއިން ބުނެފިއެވެ.

ކެނެޑާއިން އެގޮތަށް ނިންމައިފައިވަނީ ހޯމަ ދުވަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއިންނެވެ.

ކެނެޑާގެ ގާނޫނާ އެއްގޮތަށް އިސްރާއީލުން ހަތިޔާރު ބޭނުންކުރާކަން ކަށަވަރު ވަންދެން ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ނަމަވެސް ޖެނުއަރީ އަށްވަނަ ދުވަހުގެ ކުރިން ދީފައިވާ ހުއްދަތަކަށް އަމަލުކުރަމުންދާނެ ކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު މެލާނީ ޖޯލީގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

"ކެނެޑާއަކީ ދުނިޔޭގައި އެންމެ ހަރުކަށި އެކްސްޕޯޓް ގަވާއިދުތައް އޮންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމު. ފުރާނައަށް ނުރައްކާވާ ކަހަލަ ހަތިޔާރު އިސްރާއީލަށް އެކްސްޕޯޓުކުރަން ހުއްދަ އެއް ނެތް،" އެ ބަޔާނުގައިވެއެވެ.

ކެނެޑާގެ ގާނޫނު ބުނާގޮތުން ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފަށް ހަތިޔާރު ބޭނުންކުރުމާއި އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާވެރިވާ ގޮތަށް ހަތިޔާރު ބޭނުންކުރާނަމަ، އެފަދަ ތަންތަންތަނަށް ހަތިޔާރު އެކްސްޕޯޓް ކުރުން މަނަލެވެ.

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން އިތުރަށް މަޑުޖައްސާލުމަށް ކެނެޑާއިން ނިންމައިފައިވަނީ އިސްރާއީލަށް އަސްކަރީ މުދަލާއި ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން ހުއްޓައިލުމަށް ފަލަސްތީނަށް ތާއީދުކުރާ އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ކެނެޑާއިން ގޮވައިލައިފައިވަނިކޮށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެށިފަހުން ކެނެޑާއިން ގާތްގަޑަކަށް 21 މިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް އެކްސްޕޯޓުކުރުމުގެ ހުއްދަ ކެނެޑާއިން ދީފައިވެއެވެ.

comment ކޮމެންޓް