މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ފައިޓާ" ނެޓްފްލިކްސްގައި ޕްރިމިއާކޮށްފިއެވެ.
މިދިޔަ އަހަރު ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން ބްލޮކްބާސްޓަ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އޭރިއަލް އެކްޝަން ތުރިލާއެކެވެ.
ފިލްމީ ތަރިން ކަމަށްވާ ރިތިކް ރޯޝަން، އަނިލް ކަޕޫރު، ދީޕިކާ ޕަދުކޯން، ކަރަން ސިންގް އަދި އަކްޝޭ އޮބްރޯއި މުހިއްމު ރޯލުތަކުން ފެންނަ މި ފިލްމަކީ، ޕާކިސްތާނަށް ނިސްބަތްވާ ކަމަށް ބުނާ ޓެރަރިސްޓު ގްރޫޕަކުން 2016ވަނަ އަހަރު އިންޑިއާއަށް ދިން ޕުލްވާމާ ހަމަލާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައިވަނީ ޕާކިސްތާނަށް ރައްދުވާ ގޮތަށް ކަމަށް ބުނެ އަރަބި ގިނަ ޤައުމުތަކުގައި ފިލްމު ދެއްކުން ވަނީ މަނާކޮށްފައެވެ.
އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ކުޅަދާނަކަން ދައްކުވައިދޭ މި ފިލްމަކީ 30 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއްކޮށް އުފެއްދި ފިލްމެކެވެ. ބައެއް ޢަރަބި ޤައުމުތަކުގައި ފިލްމު ދެއްކުން މަނާކުރުމާ ގުޅިގެން ވިޔަފާރީގެ ގޮތުން ފިލްމަށް އަސަރުކުރި ނަމަވެސް އިންޑިއާ އަދި ބޭރުގެ ބައެއް ޤައުމުތަކުގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީގެ އަދަދު 42 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރުމުން ސިނަމާގައި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނު ގިނަ ބަޔަކަށް އެ ފުރުސަތު ލިބޭނެ ކަމަށް ފިލްމު ގެނެސްދިން ވިއަކޮމް އަދި މާފްލިކްސް ކުންފުނިން ބުނެއެވެ. މި ފިލްމަކީ 2022ވަނަ އަހަރު ރިލީޒްކުރި އެކްޝަން ތުރިލާ "ވިކްރަމް ވެދާ"އަށްފަހު ބެލުންތެރިންނަށް ރިތިކް ފެނުނު ފުރަތަމަ އެކްޝަން ތުރިލާ ފިލްމެވެ.