ތިން މަސް ދުވަސްތެރޭ ރާއްޖެއަށް ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ އަދާހަމަައިން ދައްކާގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 524،339 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެއީ މި މަހުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ 114،562 ފަތުރުވެރިންނާއި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި 114،562 ފަތުރުވެރިންގެ އިތުރުން ޖެނުއަރީ މަހު ޒިޔާރަތްކުރި 192،385 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ 13 އިންސައްތަ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެއެވެ.
އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން އަށް ދުވަހު މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 6،637 ފަތުރުވެރިންނެވެ.
މީގެއިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ފަސް ގައުމަށް ބަލާއިރު:
- ޗައިނާ: 61،410 ފަތުރުވެރިން
- ރަޝީއާ: 53،624 ފަތުރުވެރިން
- އިޓަލީ: 50،493 ފަތުރުވެރިން
- ޔޫކޭ: 48،057 ފަތުރުވެރިން
- ޖަރުމަނު: 37،027 ފަތުރުވެރިން
އަދާހަމައިން ދައްކާގޮތުން މި މަހުގެ ތެރޭގައި އެންމެ ގިނަ ފަަތުރުވެރިން އައިސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު އެކަނި ވެސް ރާއްޖެއަށް ވަނީ 7،718 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއާއެކު، ޖެހިގެން އައި ދުވަހު ވަނީ 7،141 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގައި 180 ރިޒޯޓެއް ހުރިއިރު، އެ ރިޒޯޓުތަކުގައި 44،152 ޓޫރިސްޓް ބެޑް ހުރެއެވެ. އޭގެ ތެރެއިން 837 ގެސްޓްހައުސްތަކުގައި 14،097 ބެޑް ހިއްސާކުރާ ކަމަށާއި 147 ސަފާރީގައި 2،835 ބެޑް ހުންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.