ގެމްބިއާގައި އަންހެނުން ހިތާނުކުރަން ހުއްދަދޭ ބިލެއް ގަނޫނު ހަދާ މަޖިލީހަށް

ހިތާނުކުުރުން ހުއްދަ ދިނުމާގުޅޭ ބިލާ ގުޅިގެން ގެމްބިއާގެ ގާނޫނު ހަދާ މަޖިލީސްުކުރާ ގޭގެ ކުރިމަތީގައި މުޒާހަރާ ކުރަނީ -- ފޮޓޯ/އަލް ޖަޒީރާ

ގެމްބިއާގައި އަންހެނުން ހިތާނުކުރަން ހުއްދަ ދިނުމާގުޅޭ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ބިލު މިހާރު އޮތީ ދިރާސާކުރާ ކޮމިޓީ މަރުހަލާގައެވެ. ގާނޫނުހަދާ މަޖިލީހުން އެ ބިލު ފާސްވެއްޖެނަމަ، ގެމްބިއާ ވެގެންދާނީ އަންހެނުން ހިތާނުކުރުން މަނާ ކުރުމަށް ފަހު، އެ ނިންމުން އަނބުރާ ހުއްދަކުރާ ފުރަތަމަ ގައުމަށެވެ. އަންހެނުން ހިތާނުކުރުން ގެމްބިއާގައި މަނާކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

އެ ބިލު ހުށަހެޅުއްވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަލްމާމޭ ގިއްބާ ވިދާޅުވީ އަންހެނުން ހިތާނުކުރުން މަނާކޮށްފައި އޮތުމަކީ އެ ގައުމުގެ ރައްޔިތުންގެ ސަގާފަތާއި ދީނަށް އަމަލުކުރުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. އެ ބިލު ފާސްކުރަން ބޭނުންވަނީ އެ ގައުމުގެ ސަގާފީ އުސޫލުތަކާއި އާދަކާދަތައް ރައްކާތެރިކުރުމަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކްޓިވިސްޓުންނާއި ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ ބިލުގެ ސަބަބުން ގެމްބިއާގެ އިންސާނީ ހައްގުތަކަށް ރިކޯޑު މިންވަރެއްގެ ގެއްލުމާއި ނުރައްކާ ކުރިމަތިވާނެއެވެ.

އެ ބިލާ ދެކޮޅަށް ގެމްބިއާގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.

ޔުނިސެފުން 2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ގެމްބިއާގެ 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 76 އިންސައްތަ އަންހެނުން ވަނީ ހިތާނުކޮށްފައެވެ.

އެކަމުގެ ސަބަބުން އިންފެކްޝަންތަކާއި، ލޭއައުން، ދަރިމައިނުވުން އަދި ވިހެއުމުގައި ދިމާވާ އުދަނގޫތައް ހިމެނޭ ގޮތަށް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، ޖިންސީ ބަލިކަށިކަމާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް ޔުނިސެފުގެ އެ ރިޕޯޓުގައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާނުކޮށްފައިވާ އަންހެނުންނާއި އަންހެން ކުދިންގެ އަދަދު 230 މިލިއަނަށް އިތުރުވެފައިވާއިރު، މީގެ އަށް އަހަރު ކުރިން އެ އަދަދު ހުރީ 200 މިލިއަނުގައެވެ.

ހިތާނުކޮށްފައިތިބި އަންހެނުންނާއި އަންހެން ކުދިން އެންމެ ގިނައީ އެފްރިކާގެ ގައުމުތަކުގައި ކަމަށާއި އެގޮތުން 144 މިލިއަނަށްވުރެ ގިނަ އަދަދެއްގެ އަންހެނުން އެފްރިކާގެ ގައުމުތަކުގައި ތިބި ކަމަށް ޔުނިސެފްގެ ރިޕޯޓުގައިވެއެވެ. އޭގެ ފަހުން އޭޝިއާގައި 80 މިލިއަނަށްވުރެ ގިނަ މީހުން އަދި މެދު އިރުމަތީގައި ހަ މިލިއަނަށްވުރެ ގިނަ އަންހެނުންނާއި އަންހެންކުދިން ހިތާނުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް