މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން '100 ހުނަރުވެރިން' ޕްރޮގްރާމުގެ ތަމްރީނުތައް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ މަގުސަދަކީ އިލެކްޓްރިކް ސާމާނު މަރާމާތުކުރުމާއި އަތްތެރި މަސައްކަތް ކުރުމާއި ގެތުމާއި ދިގުހެދުން ފެހުމާއި އަދި ބޯވަޅު އަޅައި ލިބާސް ފަހަން ދަސްކޮށްދިނުމެވެ.

މާލޭގެ ޒުވާނުންނާއި އަންހެނުންގެ ހުނަރު އިތުރުކުރަން '100 ހުނަރުވެރިން' ޕްރޮގްރާމުގެ ތަމްރީނުތައް ފެށުން-- ފޮޓޯ: ސިޓީ ކައުންސިލް
އެގޮތުން، މި ކޯސްތަކުގެ ސަބަބުން މާލޭގެ ޒުވާނުންނާއި އަންހެނުންނަށް ފަންނީ އަދި ސަގާފީ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ހިންގާ ހުރިހާ ކޯސްތަކެއްގެ ހަރަދު ބަލަހައްޓަނީ ޑަބްލިއުޑީސީންނެވެ.
މާލޭގެ ޒުވާނުންނާއި އަންހެނުންގެ ހުނަރު އިތުރުކުރަން '100 ހުނަރުވެރިން' ޕްރޮގްރާމުގެ ތަމްރީނުތައް ފެށުން-- ފޮޓޯ: ސިޓީ ކައުންސިލް
ޕްރޮގްރާމް ކުރިއަށްގެންދަން ހެދި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން މިއީ ދެ ހަފުތާގެ ޕްރޮގްރާމެއް ކަމަށް ވިޔަސް މުސްތަގުބަލުގައި ވެސް މިފަދަ ޕްރޮގްރާމްތައް ގަވާއިދުން ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. މިއީ މާލޭގެ ޒުވާނުންނާއި އަންހެނުންގެ ހުނަރު އިތުރުކޮށް، ދެމެހެއްޓެނިވި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.