ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ އަންނަ މަހުގެ 21 ވަނަ ދުވަސް އަދި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނުނަށް ގެނައި ބަދަލާ އެކު މަޖިލީސް އިންތިޚާބު އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހު ބާއްވަން ނިންމައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ދެ ދުވަސް ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، އެޕްރީލް 21 ވާ އާދީއްތަ ދުވަހަކީ، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވާތީ ކަމަށެވެ.
އަދި، ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިޚާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިޢުލާނުކުރުމާ، އަދި މި ނޫން ވެސް އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާތީއެވެ.
ވޯޓުލާ ދުވަސް ސަރުކާރު ބަންދުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީީސް ފުއާދު ތައުފީގު ވިދާޅުވީ އޭޕްރިލް 21ގައި އިންތިޚާބު ބާއްވަނީ، އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ.
އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.