ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަޅައިލާފައިނުވާ ކަމަށާއި މި ސަރުކާރުން ވަރަށް އަވަހަށް އެ ތަނުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މިއަދު ހިޔާ ފުލެޓު H-12-02-01، ނިޝްރީނާ މޫސާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ކަންބޮޑުވެފައެވެ.
"ކަނބަލުންނަށް ކުޅިވަރު ކުޅެވޭނެ ކަހަލަ އެއްވެސް ކަހަލަ އިންތިޒާމެއް [ދެވަނަ ފިޔަވަހީގައި] ނެތް،" އޭނާ ބުންޏެވެ.
އެ ސުވާލަަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ދެވަނަ ފިޔަވަހީގައި މީހުން އުޅެން ފެށި ފަހުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިނުވާ ކަމަށެވެ.
"ހިޔާ ސަރަހައްދުގެ ކަންކަން އެއްގޮތަކަށް ވެސް ނުކޮށް ކުރިން ހުރީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ވެސް މި ސަރުކާރުން ކޮށްދެއްވާނެ ކަަމަށެވެ. އެގޮތުން، ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކާއި ހިތްފަސޭހަ މާހައުލުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ފައްޓަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާ ވެސް ގުޅިގެން އެކި ކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް ގާއިމުކުރާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ވަސީލަތްތައް ގާއިމުވެގެން އަންނައިރުގައި ކަނބަލުންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި، އެ ތަނުގައި ހިޔާ މަޝްރޫއުގެ ނަމުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއައީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައެވެ. އެކަމަކު، ބޮޑު އާބާދީއެއް ދިރިއުޅޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ޒަރޫރީ ކަންކަން އަދިވެސް ފުރިހަމަވެފައެއް ނުވެއެވެ.