ޗައިނާގައި ކައިވެނިކުރާ އަދަދު 9 އަހަރު ފަހުން އިތުރުވެއްޖެ

ޗައިނާގައި ކުރާ ކައިވެނީގެ އަދަދު 9 އަހަރު ފަހުން ފުރަތަމަ ފަހަރަށް ވަނީ އިތުރުވެފައި -- ފޮޓޯ/ބިޒްނަސް ސްޓޭންޑާޑް

ޗައިނާގައި އަލަށް ކުރާ ކައިވެނީގެ އަދަދު މިދިޔަ އަހަރު 12.4 އިންސައްތައަށް އިތުރުވެއްޖެއެވެ.

އެ އަދަދު އިތުރުވެފައިވަނީ ކައިވެނީގެ އަދަދު ދަށްވެފައި އޮންނަތާ ގާތްގަޑަކަށް ނުވަ އަހަރު ފަހުންނެވެ.

އެ ގައުމުގެ ސިވިލް އެފެއާޒް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އަލަށް ކައިވެނިކުރި މީހުންގެ އަދަދު ވަނީ 7.68 މިލިއަނަށް އިތުރުވެފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 845،000 އިތުރު އަދަދެކެވެ.

އެ ހިސާބުތައް އާންމުކޮށްފައިވަނީ ވިހެއުމަށް ހިތްވަރުދޭނެކަމަށާއި، ދިގު މުއްދަތަކަށް އާބާދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތްކުރުމުގެ އިތުރުން ވިހެއުމާއި، ކުދިން ބެލުން އަދި ތައުލީމު ދިނުމުގެ ހަރަދު ވެސް ކުޑަކުރަން މަސައްކަތްކުރައްވާނެ ކަމަށް ޗައިނާގެ ޕްރިމިއާ ލީ ކިއަންގް ވައުދުވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

ކުރިއަށްއޮތް 10 އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ގާތްގަޑަކަށް 300 މިލިއަން މީހުން ރިޓަޔާކުރާނެ ކަމަށް ބެލެވިފައިވާއިރު، ޗައިނާގައި ނިސްބަތުން ވިހާ މިންވަރު ދަށްވެ، ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ ދިއުމަށް ހައްލެއް ހޯދުމުގެ މަސައްކަތް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ޗައިނާގެ އާބާދީ މިދިޔަ އަހަރު ޖެހިޖެހިގެން ދެވަނަ އަހަރަށް ދަށްވެފައިވަނީ ކޯވިޑް-19 ގެ ސަބަބުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ނިސްބަތް ރިކޯޑް މިންވަރަކަށް ދަށްވުމުންނެވެ. އެކަމުގެ ސަބަބުން ޗައިނާގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމާމެދު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.

comment ކޮމެންޓް