ލަސްވިޔަސް އާ ޓްރެއިލަރުން އެތައް ވާހަކައެއް

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ ފިލްމު "ލަސްވިޔަސް"ގެ ޕްލޮޓަށް އަލިއަޅުވާލާ މުޅިން އާ ޓްރެއިލަރެއް އާންމުކޮށްފިއެވެ.

ގިނަ ބަޔަކު ވެސް އިންތިޒާރުކުރަމުން އަންނަ ފިލްމު ލަސްވިޔަސް ރިލީޒްކުރުމުގެ ތާރީހު ކައިރިވަމުން އަންނައިރު ފިލްމާ ގުޅޭ ތަފާތު މައުލޫމާތު އަންނަނީ އާންމުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އާންމުކޮށްފައިވާ ޓްރެއިލަރުން ފިލްމުގެ މުޅީން ތަފާތު މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

އަލަށް އާންމު ކުރި ޓްރެއިލަރުގައި ލީޑް ކެރެކްޓަރުންގެ ދެމެދުގައި ލޯބި އުފެދިގެން އަންނަ ގޮތުން ފެށިގެން ދެ މީހުންގެ އާއިލާއެއް އުފެދި އެ އާއިލާ ބޮޑުވަމުންދާ މަންޒަރު ފެނިގެން ދެއެވެ. މި ފިލްމުގައި ބެލުންތެރިންނަށް އަސަރު ކުރާނެ އެކި ރަހަތައް ހުންނާނެކަން ޓްރެއިލަރުން ވެސް ވަނީ ދައްކާލައިފައެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި، އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

މި ފިލްމުގެ ޓިކެޓު މިހާރު ދޫކުރަން ފަށާފައިވާއިރު 7554411 އަށް ގުޅާލައިގެން ޓިކެޓުގެ ކަންތައްތައް ހަމަޖައްސާލެވޭނެއެވެ.

މި އަންނަ މަހުގެ 12 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޓެޑްރީގެ ފޭނުންނަށް ވަރަށް މުހިއްމު ފިލްމެކެވެ. އެއީ ގިނަ ދުވަސްތަކަކަށް ފަހު އޭނާގެ އާ ފިލްމެއް ބަލާލަން ލިބޭތީއެވެ.

comment ކޮމެންޓް