ލުނބޯ ތޮށި: އުކާލަން ހެޔޮވާވަރުގެ އެއްޗެއް ނޫން

ލުނބޯ ތޮށި -- ފޮޓޯ/ފްރީޕިކް

ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ގިނަ ބަޔަކު އެކި ވައްތަރުގެ ކެއުންތަކުން ސުފުރާމަތި ފުރައިލާ މައްސަރެކެވެ. ކެއުން ތައްޔާރުކުރަން މި މައްސަރު އެންމެ ގިނަ ބަޔަކު ގެއަށް ގަންނަ އެއް ބާވަތަކީ ލުނބޯއެވެ. ތަފާތު އެކި ވައްތަރުގެ ހެދިކާތައް ތައްޔާރުކުރުމުގެ އިތުރުން ދިވެހި ކެއުންތަކަށް ވެސް ލުނބޯ އެއީ ނުހަނު ބޭނުންތެރި މޭވާއެކެވެ.

ލުނބޯ ހުތް ފެލުމަށް ފަހު ގިނަ ފަހަރަށް ލުނބޯ ތޮށި އުކައިލެވުނު ނަމަވެސް ލުނބޯ ތޮއްޓަކީ ކިހާ ފައިދާހުރި އެއްޗެއްކަން އެނގޭހެއްޔެވެ؟

ލުނބޯ ތޮއްޓަކީ ވިޓަމިންސް, މިނަރަލްސް އަދި ބާރުގަދަ ބަޔޯއެކްޓިވް ކޮމްޕައުންޑްތައް ގިނަ މިންވަރަކަށް އޭގައި އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، އޭ، ކެލްސިއަމް، މެގްނީޝިއަމް އަދި ޕޮޓޭޝިއަމް ހިމެނެއެވެ. ލުނބޯ ތޮށިން ލިބޭ ބައެއް ސިއްހީ ފައިދާތަކުގެ ތެރޭ:

  • ކާނާ ހަޖަމުކޮށްދިނުމުގައި އެހީތެރިވުން
  • ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް އެހީތެރިވެދިނުން
  • ހަމުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދިނުން
  • ކަށިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުން
  • ދިފާއީ ނިޒާމު ވަރުގަދަކޮށް، ހަށިގަނޑުގައި އިންފްލެމޭޝަން ދަށްކޮށްދީ ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދިނުން

ޞިއްޙަތަށް ފައިދާހުރި އެތަކެއް ބާވަތެއް ލުނބޯ ތޮށީގައި ހިމެނޭއިރު ލުނބޯ ތޮށި ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ސައިޑް ޑިޝްވެސް ތައްޔާރުކޮށްލެވިދާނެއެވެ. އެގޮތުން ތަފާތު އެކި ވައްތަރުގެ ސެލެޑް، ޔޮގަޓް، ސްމޫތީސް އަދި ކޭކު ތައްޔާރުކުރާއިރު ރަހަމީރުކޮށްލުމަށް ލެމަން ޒެސްޓު ބޭނުންކުރެވިދާނެއެވެ.

ލުނބޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކީ ލައިމް ޕައިއެއް-- ފޮޓޯ/ޓޭސްޓިންގްޓޭބަލް

ލުނބޯ ތޮށި ހެޔޮވަރު ސައިޒަކަށް ކޮށާލުމަށްފަހު ހަކުރު އަޅާފައި ފެނުގައި ކައްކައިލާށެވެ. ފޮނި އެއްޗެއް ކާހިތްވާ ވަގުތު މިއީ ކާލަން ރަނގަޅު ކޭންޑީ ސްނެކްއެކެވެ.

ލުނބޯ ސައި ބޯލަން ބޭނުންނަމަ އުކައިލުމުގެ ބަދަލުގައި ލުނބޯ ތޮށިތައް ފެނުގައި ކައްކާލުމަށްފަހު ސައިފަތް ޕެކެޓަކާ އެކު ބޯލާށެވެ. ފޮނި ރަހަ އިތުރުކޮށްލަން ބޭނުންނަމަ މި ބުއިމާ އެކު މާމުއި ބޭނުންކޮށްލާށެވެ. ބައެއް ކަހަލަ ސެލެޑް އަދި ކެއުންތަކުގައި ލުނބޯ ތެލުގެ ރަހަ ބަހައްޓަން ބޭނުންވާނަމަ ލުނބޯ ތޮށި އިންފިއުޒްކުރުމަށް ފަހު ބޭނުންކޮށްލާށެވެ.

ކެއުމުގެ އިތުރުން ލުނބޯ ތޮއްޓަކީ ގޭތެރެ ސާފުކުރުމަށްފަހު މީރު ވަހުން ގޭތެރޭގެ މާޙައުލު ބެހެއްޓުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ. ހަމައެއާ އެކު ހަންގަނޑު އޮމާންކޮށް އަލިކޮށް ބެހެއްޓުމަށް ވެސް ލުނބޯ ތޮށި ބޭނުންކުރެއެވެ.

comment ކޮމެންޓް