އެކިރަހަ: ލޯކަލް ޓައިމްގެ ސްކަލިޕީނީ އަލިމޯން

ލޯކަލް ޓައިމް ރެސްޓޯރަންޓުގެ ސްކަލިޕީނީ އަލިމޯން ---

މި ރޯދަމަހަށް ޚާއްސަކޮށް އެސްއެސްޓީވީން ގެނެސްދޭ އެކި ރަހަ ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑުގައި މި ގެނެސްދެނީ ލޯކަލް ޓައިމް ރެސްޓޯރަންޓުގެ ސްކަލިޕީނީ އަލިމޯން ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ބީފް ޓެންޑަލިން
  • ބަޓާ
  • އަލުވި
  • ކެރެޓް
  • ލޮނެމުދު
  • އަސޭމިރުސް
  • ލުނބޯ ފޮއްޗެއް
  • ރޯސްމެރީ
  • ފެން
  • ލެޓިއުސް
  • ޗެރީ ޓޮމާޓޯ
  • ވިނަގްރޭޓް
  • ފުށް

ތައްޔާރުކުރާނެ ގޮތް:

ސްކަލިޕީނީ އަލިމޯން ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ބީފްކޮޅު ތުނިކޮށް ކޮށައިލުމަށްފަހު ޓެންޑަރައިޒްކޮށްލާނީއެވެ. އެއަށްފަހު ބީފްކޮޅުގެ ދެ ފަރާތުގައި ފުށްކޮޅެއް ހާކާލާނީއެވެ.

ދެން ބަޓަރުކޮޅެއް އަޅާލުމަށް ފަހު ބީފްކޮޅު ތެލުލާނީއެވެ. ތެލުލާނީ ގާތްގަނޑަކަށް ދެ މިނެޓެއްް ވަރު ވަންދެންނެވެ. ބޭނުން ނަމަ ބީފްގައި ރަހަ ލައްވާލުމަށް ލޮނާއި އަސޭމިރުސް ކޮޅެއް ބޭނުންކޮށްލެވިދާނެއެވެ. އަދި ބަޓަރުގެ ބަދަލުގެ އެހެން ތެލެއް ވެސް ބޭނުން ކޮށްލެވޭނެއެވެ.

އެއަށްފަހު އަލުވި ކޮޅާއި ކެރެޓްކޮޅަށް ރަހަލާ ވަރަށް އަސޭމިރުސް ކޮޅަކާއި ލޮނުމެދު ކޮޅެއްގެ އިތުރުން ރޯސްމެރީކޮޅެއް އަޅައި، އަވަނުން ރޯސްޓުކޮށްލާނީއެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ރަނގަޅުވާނެއެވެ.

މި ޑިޝްއަށް ބޭނުންވާ ސޯސް ތައްޔާރުކުރުމަށް ބަޓަރުކޮޅެއް ތަވައަކަށް އަޅާލުމަށް ފަހު ރޯސްމެރީއާއި ލުނބޯ ފޮއްޗެއް އަޅާލުމަށް ފަހު ރޯސްޓުކޮށްލާނީއެވެ. ލުނބޯ ކޮޅާއި ރޯސްމެރީކޮޅު ރޯސްޓުވުމުން ފެން ފޮދެއް އަޅާލުމަށް ފަހު ކުޑަކޮށް ކައްކާލާނީއެވެ. ދެން ސޯސް ކޮޅަށް ލޮނު ކޮޅަކާއި ފިހެފައި ހުރި ތިން ލޮނުމެދު އަޅާލާނިއެވެ.

އެންމެ ފަހު ކަމަކަށް، ސެލެޑް ތައްޔާރުކުރުމަށްޓަކައި ތައްޓަކަށް ލެޓިއުސް ކޮޅާއި ޓޮމާޓޯ އަޅާލުމަށް ފަހު ވިނަގްރޭޓް އަޅާލުމަށް ފަހު އެއްކޮށްލާނީއެވެ.

މިހާރު ހުންނާނީ ތައްޔާރުކުރި ހުރިހާ އެއްޗެއް އެއްކޮށްލައިގެން ކެއުމަށް ތައްޔާރުވެފައެވެ.

މިއަދުގެ އެޕިސޯޑުގައި މި ގެނެސްދިން ޑިޝްއަކީ ހުރިހާ ފަރާތްތަކަށް ވެސް ކަމުދާނެ ޑިޝްއަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ.

comment ކޮމެންޓް