އެކިރަހަަ: ޓީޖީއާރްގެ މިކްސްޑް މީޓް ޕްލެޓާ

ޓީޖީއާރްގެ މިކްސް މީޓް ޕްލެޓާ ---

އެސްއެސްޓީވީން ގެނެސްދޭ އެކި ރަހަ ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑުގައި މި ގެނެސްދެނީ ޓީޖީއާރް ރެސްޓޯރަންޓުގެ މިކްސް މީޓް ޕްލެޓާ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ބަޓާ
  • 2 ސޮސެޖް
  • 5 ބީފް ސްލައިސް
  • 3 ކުކުޅުކޮޅު
  • ލޮނު
  • އަސޭމިރުސް
  • ފްރައިސް
  • ފްރައިޑް އޮނިއަން
  • ޓެރިޔާކި ސޯސް
  • ގާޑެން ސެލެޑް
  • 1 ބިސް

މިކްސް މީޓް ޕްލެޓާ ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރަހަލާ ވަރަށް ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅާލުމަށްފަހު ބަޓާކޮޅެއްގައި ބީފްކޮޅު ފްރައިކޮށްލާނީއެވެ. ފްރައިކޮށްލާނީ ކޮންމެ ފަޅިއެއް ދެ މިނެޓް ވަންދެންނެވެ. އެއަށްފަހު ބްރައުން ސޯސް ކޮޅަކާއި ޓެރިޔާކި ސޯސް ކޮޅެއް އަޅާލުމަށް ފަހު ކައްކާލާނީއެވެ.

އޭގެފަހުން ސޮސެޖްކޮޅާއި ކުކުޅު ކޮޅު ތެލުލާނީއެވެ. އެއަށްފަހު ބިސް ގަނޑެއް އަޅާލާނީއެވެ.

މިހާރު ހުންނާނީ މި ޑިޝް ޕްލޭޓް ކުރުމަށް ތައްޔާރުވެފައެވެ. ޕެލޭޓްކުރުމަށް އެންމެ ފުރަތަމަ ތަށީގެ މެދުގައި ބަހައްޓާނީ ތައްޔާރުކޮށްފަ ހުރި ސެލެޑްކޮޅެވެ. އެއަށްފަހު އޭގެ އެއް ފަރާތުގައި ބަހައްޓާނީ ތެލުލި ކުކުޅުކޮޅެވެ. ކުކުޅު ކޮޅާ ޖެހިގެން ބަހައްޓާނީ ތެލުލާފައި ހުރި ސޮސެޖްކޮޅެވެ.

ދެން ބަހައްޓާނީ ޕެޕާ ސޯސްގައި ތައްޔާރުކޮށްފައި ހުރި ބީފްކޮޅެވެ. އެއަށްފަހު ފްރެންޗް ފްރައިސްކޮޅާއި އޮނިއަން ކޮޅު ބެހެއްޓުމަށްފަހު ބިސް ގަނޑު ބާއްވާނީ ސެލްޑުގެ މަތީގައެވެ. ދެން ސޯސް ތަށިތައް އަތުރާލާނީއެވެ.

މި ޑިޝްގައި ބޭނުން ކުރާ ސޯސްތަކަކީ ޓީޖީއާރް ރެސްޓޯރަންޓުގެ ޚާއްޞަ ސޯސްތަކެވެ. އެހެންކަމުން މި ސޯސްތަކުގެ ބަދަލުގަައި ބޭނުން ސޯސްއެއް ބޭނުން ކުރެވިދާނެއެވެ.

މިހާރު ހުންނާނީ މި ޑިޝް ކެއުމަށް ތައްޔާރުވެފައެވެ.

comment ކޮމެންޓް