އަހަރަކަށްފަހު، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު 8 ދުވަހަށް އިތުރުވެއްޖެ

އއ ތޮއްޑޫ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކއް -- ފޮޓޯ: ޓްވިޓާ

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ގިނަ ދުވަސްތަކެއް ފަހުން އަށް ދުވަހަށް އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދު މިމަހު ވަނީ 8.1އަށް ބަދަލުވެފައެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު މިދިޔަ އަހަރުގެ ކުރީކޮޅު އަށް ދުވަހަށް އެރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ފަހުން އަންމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ، 7.6 ދުވަހެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސް އިތުރު ނުވުމުގެ ކަންބޮޑުވުން މީގެ ކުރިން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ 60،699 ފަތުރުވެރިންނެވެ. މި ލިސްޓުގައި ދެވަނަގައި 52،385 ފަތުރުވެރިންނާއެކު އުޅެނީ ރަޝިޔާއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރި ގައުމަކީ އިޓަލީއެވެ. އެގައުމުން ރާއްޖެއަށް 49،480 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާ އުޅެނީ މާކެޓުގެ ހަވަނައިގައެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވަނީ، 31،028 ފަތުރުވެރިންނެވެ.

މި ސަރުކާރުގެ ތިން ނައިބު ވަޒީރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކެވި މައްސަލައިގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އަރައިރުންތަކެއް ހިނގައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އިންޑިއާގައި ކެމްޕެއިނެއް ހިންގިއެވެ.

އޭގެ ސަބަބުން ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިން މަދުވެ، ގައުމަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ވަނީ ލަފާކުރައްވައިފައެވެ.

https://sun.mv/189740

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރާއްޖޭގެ ތާރީޚުގައި މުޅީން އަލަށް، މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް