1.8 މިލިއަން ރުފިޔާ ފޭރުމުގެ މައްސަލައިގައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފި

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: 1.8 މިލިއަން ރުފިޔާ ފޭރުމުގެ މައްސަލައިގައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް ކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާ ކުރަން ޕްރޮސްކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޔުނިޓުގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޔޫސުފް ލޫތު ވިދާޅުވީ މި މައްސަލައާ ގުޅިގެން ދައުވާކުރަން ފޮނުވި ތިން މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ތަހުގީގު ތެރޭގައި މުދަލާއި ފައިސާ ހިމެނޭ ގޮތަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެންނަށް ވަނީ ރިކަވާ ކޮށްދެވިފައި،" ލޫތު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 19ގައި ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ މައްސަލައިގައި ޖުމުލަ ހަތަރު މީހަކަށް ތުހުމަތުވެއެވެ. އެއީ، 24 އަހަރުގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން، 23 އަހަރުގެ ފިރިހެނެކެވެ. ދެން، ތުހުމަތުވަނީ 16 އަހަރުގެ ކުއްޖަކަށް ކަމަށް އޭރު ފުލުހުން ބުންޏެވެ.

ކުޑަކުއްޖާ ނޫން ދެން ތިބި މީހުން އޭރު ހައްޔަރު ކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ތިން މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފައިވާއިރު ހަތަރު ވަނަ މީހާއަށް ވީގޮތެއް ފުލުހުން ހިއްސާނުކުރެއެވެ.

މީގެ ކުރިން ފުލުހުން ބުނީ ފައިސާ ފޭރުމަށް ފަހު ދެ ލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަނެފައި ހުއްޓާ އަތުލައިގެންފައިވާ ކަމަށާއި ތުހުމަތުވާ ތިން މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފޭރިގަތް ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެންނާއި އެހެން އެކައުންޓުތަކަށް ޖަމާކޮށްގެން އަދި އެކިއެކި އެއްޗެހި ގަނެގެން ވެސް ތަފާތު ގޮތްގޮތަށް ބޭނުންކޮށްފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނި ތުހުމަތު ކޮށްފައެވެ.

comment ކޮމެންޓް