ރޭ ހާރުކާން ތިއްބައި އިސްރާއީލުން ޣައްޒާގެ އާއިލާއެއްގެ 49 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ފަލަސްތީނުގެ އާއިލާއެއް ގެ ކުޑަކުދިންތަކެއް

ޣައްޒާ (17 މާޗް 2024): ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭންޕްގައި ހުންނަ ފަލަސްތީނުގެ ގެއެއްގެ އާއިލާއެއް ރޭ ހާރުކާން ތިއްބައި އެގެއަށް އިސްރާއީލުން ބޮންއަޅައި އެގޭގައި ދިރިއުޅޭ ބޮޑު އާއިލާގެ (އެކްސްޓެންޑެޑް ފެމިލީގެ) 49 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ އިސްރާއީލު ސިފައިން މި ގަތުލުއާންމު ހިންގިކަމާއި މި ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ބޮޑު އާއިލާއެއްކަމަށްވާ އާލުތަބާތިބާއީ އާއިލާގެ މެންބަރުންކަން ކަށަވަރުކޮށްދީފައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އިސްރާއީލުން ދިން މި ޓެރަރިސްޓް ހަމަލާއިން ސަލާމަތްވީ އެއާއިލާގެ އެންމެ މީހެކެވެ. އެއީ އުމުރުން ނަވާރައަހަރުގެ މުހައްމަދު ތަބާތިބާއީ އެވެ. އޭނާވެސްވަނީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާގައި ޒަޚަމްވެފައެވެ.

މުހައްމަދާ ހަވާލާދީ ފަލަސްތީނުގެ މީޑިއާ ބުނާގޮތުން އިސްރާއީލުން ޓެރަރިސްޓް ހަމަލާ ދީފައިވަނީ އޭނާގެ މަންމައާއި ބޮޑުދައިތައާއި ދައްތަ ހާރަށް ކާއެއްޗެއް ތައްޔާރުކުރަމުން ދަނިކޮށެވެ. އޭރު އެއާއިލާގެ އަނެއްބަޔަކު ތިބީ ކުރިން ތައްޔާރުކޮށްފައިވާ ހާރުގެ ތަކެތި ކާށެވެ. އިސްރާއީލުން ދިން ޓެރަރިސްޓް މިހަމަލާގައި ތަބާތިބާއީ އާއިލާ ދިރިއުޅުނު ރެފިއުޖީ ގެވެސް ވަނީ އެއްކޮށް ހަލާކުކޮށް ބިމާހަމަކޮށްލާފައެވެ.

އެގެއިން ފެންނަންހުރީ އެއާއިލާގެ މީހުންގެ ހަށިތަކުގެ ބައިތަކާ ގާކުނޑިއެވެ. އާއިލާގެ ގިނަމީހުންވަނީ ކާކުކަން ނޭނގޭވަރަށް ހަށިގަނޑު ފިހި އަދި ހަށިގަނޑު ކުދިކުދިވެފައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން ތަބާތިބާއީ އާއިލާގެ ގޭގެ ގާ ޢިމާރާތުގެ ދަށުގައި އިތުރު މީހުންގެ ހަށިތައް ވަޅުލެވިފައިވާ ކަމަށް ބެލެވޭތީ އެމީހުން ސަލާމަތް ކުރުމަށް ކުރެވެންހުރި ކަމެއް ވަނީ ކުރަންފަށާފައެވެ.

ޣައްޒާއަށް އިސްރާއީލު ބޮންއަޅައި ވައްޓާލާފައިވާ އާންމުންގެ ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައްފަދަ އިމާރާތްތަކުގެ ދަށުގައި އެތައް ހާސްބަޔަކު ތާށިވެފައި ތިބިއިރު އެއިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރާނެ ވަސީލަތްތައް ނެތުމާއި ތަކުރާރުކޮށް އިސްރާއީލުން ބޮންއަޅަމުން ގެންދިޔުމުގެ ސަބަބުން އެތަށް ހާސްބަޔަކުވަނީ ޝަހީދުވެފައެވެ. މިހާރުވެސް އެތައް ހާސް ބަޔަކު އިމާރާތްތަކުގެ ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި އެބަތިއްބެވެ. އިމާރާތްތަކުގެ ދަށުން އެތަށް ހާސްބަޔަކު ދިރިތިއްބައި ސަލާމަތްކޮށްފައިވެސް ވެއެވެ.

މިދިޔަ އޮކްޓޫބަރު ހަތަކުން ފެށިގެން އިސްރާއީލުން ހަމާސް ޖަމާއަތާ ދެކޮޅަށް ފެށި ހަނގުރާމަވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަކަށާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ބަދަލުވެފައެވެ.

މިގަތުލުއާންމުތަކުގައި އިސްރާއީލުން މިހާތަނަށް 31 ހާހަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލު ފެށި ހަނގުރާމައިގެ އެއްވެސް މަގްސަދެއް އިސްރާއީލަށް ހާސިލް ކުރެވިފައެއް ނުވެއެވެ.

އިސްރާއީލުން އިއުލާނުކޮށްފައިވާ މިމަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމާއި ހަމާސް ޖަމާއަތުގެ ދުވަސް ދުއްވާލުމާއި ޣައްޒާއަކީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުގެ ހަރަކާތްތައް ނުހިންގޭވަރުގެ ތަނަކަށް ހެދުމެވެ. އިސްރާއީލުގެ ހަމަލާތަކަށް ހަތަރު މަސްވެފައިވާއިރުވެސް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އެންމެ އަސީރަކުވެސް ބާރުގެ ބޭނުންކޮށްގެން އިސްރާއީލަށް މިނިވަން ކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް