ޣައްޒާގެ ހައްގުގައި ޖަޕާނު ޔުނިވާސިޓީތަކުގައި ވެސް މުޒާހަރާ ކުރަނީ

ޣައްޒާގެ ހައްގުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މުޒާހަރާ ކުރަނީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ޖަޕާނުގެ ޔުނިވަސިޓީތަކުގައިވެސް ދަރިވަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ވަސެދާ ޔުނިވާސިޓީގައި ދަރިވަރުން އަންނަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

ޖަޕާނުގެ އިތުރުން އޮސްޓޭލިއާ، ކެނެޑާ އަދި ފަރަންސޭސިވިލާތުގެ ޔުނިވާސިޓީތަކުގައިވެސް މުޒާހަރާތައް ވަނީ ފަށައިފައެވެ.

އެކި ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުން މުޒާހާރާ ކުރަން ފެށީ އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ނުކުމެ އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަން ފެށުމުންނެވެ.

އޭޕްރީލް 17 ވަނަ ދުވަހު ފެށި އެ މުޒާހަރާތައް އެމެރިކާގެ ބޮޑެތި ޔުނިވާސިޓީތަކުގައި އަދިވެސް އަންނަނީ ކުރަމުންނެވެ. މުޒާހަރާތަކާ ގުޅިގެން އެމެރިކާ ފުލުހުން ވަނީ މިހާތަނަށް 2،000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފައެވެ.

ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށްބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،622 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 77،867އަށް ވަނީ އަރައިފައެވެ.

comment ކޮމެންޓް