ރައްޔިތުން ސިޔާސީ ޕާޓީތައް ދެކެ ފޫހިވެފައިވާ ކަމަށާއި، އިޚުލާސްތެރިކަމާއެކު ޚިދުމަތްކޮށްދޭން މިހާރު ތިބީ މިނިވަން ކެންޑިޑޭޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައި ދުންޔާ ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ވަކާލާތު ކުރި މީހުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށާއި އޭރާ އަޅައި ބަލާއިރު ރައްޔިތުން ސިޔާސީ ޕާޓީތަކާ މެދު ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރި ގޮތަކަށް ނޫން ޕާޓީ ނިޒާމް ދިވެހިރާއްޖެއަށް އައިސް ކުރިއަށް މިދަނީކީއެއް، ސަނާ ކިޔުމާއި ކޮރަޕްޝަންއާއި އެހެން ކަންތައްތަކުގައި ގިނަ ވަގުތުތައް މި ދަނީ،" ދުންޔާ ވިދާޅުވިއެވެ.
އެއާ ޚިލާފަށް، މިނިވަން ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އޭނާއަށް އެއްވެސް ޕާޓީއެއްގެ ލީޑަރަކަށް ސަނާ ކިޔަން ހުންނަން ނުޖެހޭނެ ކަމަށާއި އޭނާއަށް ނުފޫޒެއް ވެސް ނުފޯރުވޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ ލާރިއަށް ގުޑާނެ މީހެއް ނޫން، އަޅުގަނޑަކީ އާރާއި ބާރަށް ގުޑާނެ މީހެއް ނޫން، އަޅުގަނޑަކީ ޕާޓީއެއްގެ މީހުން ނޫން," އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް އިންތިޚާބުކޮށްފި ނަމަ ރައްޔިތުންނަށް އިޚުލާސްތެރިވާނެ ކަމުގެ ޔަގީންކަން ދެއްވައި ދުންޔާ ވިދާޅުވީ އޭނާ މިހާރު ވެސް ރައްޔިތުންގެ ހާލަތު ބައްލަވާ ފަދައިން، މެންބަރުކަން ލިބުމަށް ފަހު ވެސް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މަޖިލީހަށް މި ބޭނުންވަނީ ތެދުވެރި އިޚުލާސްތެރިން. ފައިސާ ހޯދައިގެން ނުވަތަ ޑީލްތައް ހަދައިގެން ޕާޓީ ބަދަލުކުރުމަށް ފަހު ނުވަތަ ޚަބަރެއް ނުވެ، ރައްޔިތުންނާ ދިމާނުވެ، ރައްޔިތުންނަށް ޚިދުމަތްތަކެއް ނުކުރާ ބަޔަކު އަޅުގަނޑުމެން ބޭނުމެއް ނުވޭ މިހާރު،" އޭނާ ވިދާޅުވިއެވެ.
ދުންޔާ ވަނީ، މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށާއި އެފަދަ ގާނޫނެއް ފާސްކުރަން ތާއިދުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ދުންޔާ ތައުލީމް ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީންނެވެ. އެގޮތުން ފުރަތަމަ ޑިގްރީ ސޯޝަލް އެންތުރޮޕޮލޮޖީން ހާސިލުކުރެއްވިއިރު ދެވަނަ ޑިގްރީ ހެއްދެވީ ފިލޯސޮފީ ދާއިރާއިން، ލަންޑަން ސްކޫލް އޮފް އެކޮނޮމިކްސްއިންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން 2013އިން 2016އަށް ކުރެއްވި ދުންޔާ ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.