އަމީތާބް ހޮސްޕިޓަލުން ދޫކޮށްލައިފި، ޙާލު ރަނގަޅު

އަމީތާބް ބައްޗަން ކާފަ ދަރިފުޅު އަގަސްތިޔާ އަދި ދަރިފުޅު އަބީޝެކް ބައްޗަންއާ އެކު-- ފޮޓޯ/ ފިލްމުފެއަނިވްސް

މިދިޔަ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ހާއްސަ އޮޕަރޭޝަނެއްކުރަން ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާ ހޯދުމަށްފަހު ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަން ގެއަށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މުމްބާއީގެ ކޮކީލާބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލުގައި އަމީތާބް އެޑުމިޓުކޮށްފައިވަނީ ފައިގައި ގަނޑުވެފައިވާ ލޭ ކޮޅެއް އުފެދުމާ ގުޅިގެން އެކަމަށް ފަރުވާ ހޯދުމަށް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަމީތާބް ބައްޗަންގެ އާއިލާއާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އަމީތާބް ގެއަށް ދޫކޮށްލާފައިވަނީ ހާލު ރަނގަޅުވުމުން ކަމަށެވެ. ޓައިމްސް ނިވްސްއަށް މައުލޫމާތު ދެމުން އާއިލާއާ ގާތް ގުޅުމެއް އޮންނަ އެ ފަރާތުން ބުނެފައިވަނީ އެންޖިއޯޕްލާސްޓީ ސާޖަރީއަށް ފަހު އަމީތާބް ވަނީ ދަރިފުޅު އަބީޝެކްއާއި ކާފަ ދަރިފުޅު އަގަސްތިޔާއާ އެކު އެ ދުވަހު ހަވީރު އޮތް އައިސީސީ ކްރިކެޓު މެޗެއް ވެސް ބަލާފައެވެ.

މި ސާޖަރީއަށް ހޮސްޕިޓަލުގައި އެޑުމިޓުކުރުމުގެ ކުރިން އަމީތާބް ވަނީ ޓުވިޓާ މެދުވެރިކޮށް އާއްމުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބޭ ލޯތްބާއި ހެޔޮ ދުއާތަކަށް ޝުކުރު އަދާކުރާކަމަށް ބުނެ ޕޯސްޓު ކޮށްފައެވެ.

މިހާރު ވެސް ފިލްމު އިންޑަސްޓްރީގައި ވަރަށް ހަރަކާތްތެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"އިންނެވެ. ފިލްމީ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން، ޕްރަބާސް، ކަމާލް ހާސަން އަދި ދިޝާ ޕަތާނީ މުހިއްމު ރޯލް ކުޅޭ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުއެވެ.

comment ކޮމެންޓް