އަމީތާބު ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދެނީ

އަމީތާބް ބައްޗަން-- ފޮޓޯ/ ދަނިވްސް

ހިންދީ ސިނަމާގެ ދުވަސްވީ މެގަ ސްޓާ އަމީތާބް ބައްޗަން އެންޖިއޯޕްލާސްޓީ ސާޖަރީއެއް ހެދުމަށް އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑުމިޓުކޮށްފިއެވެ.

އަމީތާބު އެޑުމިޓުކޮށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުގައެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އިއްޔެ ހެނދުނު ކުރިޔަށްދިޔަ އެންޖިއޯޕްލާސްޓީ ސާޖަރީ ކާމިޔާބެވެ. އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އިންޑިއަން އެކްސްޕްރެސްއިން މި ޚަބަރު ޝާއިއުކުރުމާ ގުޅިގެން އަމީތާބަށް ސަޕޯޓުކުރާ އެތައް ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށް އަމީތާބު ސިއްހަތު ރަނގަޅު ހުރުމަށް އެދިފައެވެ.

ގިނަ ސަޕޯޓަރުންގެ ކަންބޮޑުވުމާ ގުޅިގެން އުމުރުން 81 އަހަރުގެ އެކްޓަރު ވަނީ ޓުވިޓާ މެދުވެރިކޮށް ހެޔޮ ދުއާކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަމީތާބުގެ މި ޓުވިޓާ ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ އަމީތާބުގެ ހާލު ރަނގަޅުކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

އަމީތާބް ބައްޗަން އަންހެނުން އަދި ކުރީގެ ބަތަލާ ޖަޔާ ބައްޗަންއާ އެކު-- ފޮޓޯ/ ޓްރިބިއުންއިންޑިއާ
އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ އެކްޓަރު އެޑްމިޓުކޮށް ފަރުވާދީފައި ވަނީ ސީދާ ކޮންކަހަލަ ބައްޔަކަށް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކްޓަރުގެ ހާލު ރަނގަޅުވުމުން ބަލީގެ އިތުރު ތަފުސީލު އަމީތާބްގެ ޕަބްލިކް ރިލޭޝަންސް ޓީމުން އާއްމުންނާ ހިއްސާކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަމީތާބަކީ އެކްޓަރުގެ އުމުރާ އަޅާ ބަލާއިރު އަބަދުވެސް ސިއްހަތަށް ވަރަށް ހާއްސަ ސަމާލުކަމެއްދީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރާ އެކްޓަރެކެވެ. މިހާރުވެސް ފިލްމީ ދާއިރާގައި ވަރަށް ހަރަކާތްތެރިކަމާ އެކު މަސައްކަތްކުރާ އަމީތާބަށް މީގެކުރިން ފިލްމީ ސެޓުތަކުގައި ވެސް އަނިޔާވެ ސިއްހީ ފަރުވާ ވަނީ ދީފައެވެ.

އަމީތާބު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ގަނަޕަތު"އިންނެވެ.

comment ކޮމެންޓް